އެސްޓަންވިލާގެ ކޯޗްކަމާ ހަވާލުވެ ނިކުތް ފުރަތަމަ މެޗުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑުގެ މައްޗަށް ކޯޗް އުނައި އެމެރީ 3-1 އިން ކުރި ހޯދައިފިއެވެ.

މިއީ މެންޗެސްޓަރ ޔުނައިޓެޑުގެ ދަނޑުގައި 1995 ވަނަ އަހަރުގެ ފަހުން އެސްޓަންވިލާ މޮޅުވި ފުރަތަމަ މެޗެވެ.

ޔުނައިޓެޑް ކޮޅަށް އެސްޓަންވިލާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 7 ވަނަ މިނެޓުގައި ލިއޯން ބެއިލޭއެވެ. އޭގެ ފަސް މިނެޓް ފަހުން ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ލޫކަސް ޑީނޭއެވެ. އެކަމަކު ފުރަތަމަ ހާފް ނިމެން ދަނިކޮށް އެސްޓަންވިލާގެ ޔަކޫބް ރަމްސޭ އަތުން ބައިކޮޅަށް ވަން ލަނޑުން މެންޗެސްޓަރ ޔުނައިޓަޑަށް ފަރަގު ކުޑަވިއެވެ.

ދެވަނަ ހާފް ފަށައިގެން މެންޗެސްޓަރ ޔުނައިޓެޑަށް ހަމަޖެހި ނުލެވި އުޅެނިކޮށް ރަމްސޭ ވަނީ މެންޗެސްޓަރ ޔުނައިޓެޑް ގޯލު ފޫއަޅުވަލާ އެސްޓަންވިލާގެ ލީޑް ފުޅާ ކޮށްދީފައެވެ. މެޗް ނިމިގެންދިޔައީ 3-1 އިން އެސްޓަންވިލާ ކުރި ހޯދައިގެންނެވެ.

މިއީ މިދިޔަ ހަފްތާގައި އިނގިރޭސިވިލާތާއި ލިވަޕޫލްގެ ކުރީގެ ކެޕްޓަން، މަޝްހޫރު ސްޓީވެން ޖެރާޑް ކޯޗް ކަމުން ވަކިކޮށް އެމެރީގެ އިރުޝާދުގެ ދަށުން އެސްޓަންވިލާ ކުޅުނު ފުރަތަމަ މެޗެވެ. އެމެރީ މިސީޒަނުގައި ކޯޗްކަން ކޮށްދެމުން ދިޔައީ ވިޔަރެއާލްއަށެވެ. ވިޔަރެއާލްއާ ހަވާލުވުމުގެ ކުރިން ހުރީ އާސެނަލްގެ ކޯޗްކަމުގެ މަގާމުގައެވެ.

މިމެޗުން ބަލިވުމުން، ތާވަލުގެ 4 ވަނަ މަގާމުގައި 26 ޕޮއިންޓާއެކު އޮތް ޓޮޓެންހަމްއާ އެއްވަރު ކުރަން ލިބުނު ފުރުސަތު ޔުނައިޓެޑަށް ވަނީ ގެއްލިފައެވެ. ޔުނައިޓެޑް އޮތީ 23 ޕޮއިންޓާއެކު 5 ވަނައިގައެވެ. އަނެއްކޮޅުން ޔުނައިޓެޑް އަތުން ލިބުނު މުހިއްމު ތިން ޕޮއިންޓާއެކު އެސްޓަންވިލާ ވަނީ 15 ޕޮއިންޓާއެކު ތާވަލުގެ 13 ވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ.