މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ސައުދީ އަރަބިއްޔާއިން އައިސްލެންޑާ ދެކޮޅަށް ކުޅުނު ރަހްމަތްތެރި ކަމުގެ 1-0 އިން ރޭ ކާމިޔާބު ކޮށްފިއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ވެރިރަށް އަބޫދާބީގެ މުހައްމަދު ބިން ޒައިދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އަބްދުލް ހާދީއެވެ.
މިމެޗުގެ 40 ވަނަ މިނެޓުގައި ސައުދީގެ ކެޕްޓަން ސަލްމާން އަލްފަރާޖަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލު ކުރަން ޖެހުނެވެ. އަނިޔާގެ ތަފްސީލް އަދި ސައުދީ ގައުމީ ޓީމުން ހަމޮށްފައެއް ނުވެއެވެ.
މިއީ މިފަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ސައުދީއިން މިހާތަނަށް ކުޅުނު 3 ވަނަ މެޗެވެ. ވޯލްޑް ކަޕުގެ ކުރިން ސައުދީން އަދި ރަހްމަތްތެރި ކަމުގެ އިތުރު މެޗެއް ކުޅޭނެއެވެ. މިމެޗް ކުޅޭނީ މިމަހުގެ 10 ވަނަ ދުވަހު ޕެނަމާއާ ދެކޮޅަށެވެ.
މިފަހަރުގެ ވޯލްޑް ކަޕުގައި ސައުދީ އޮތީ މަޝްހޫރު އާޖެންޓީނާ އާއި މެކްސިކޯ އަދި ޕޮލެންޑާއެކު ގްރޫޕް "ސީ" ގައެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއާ އެއްވަރު ކުރި އައިސްލެންޑް މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައެއް ނުވެއެވެ.