އޭވިއޭޝަން ސިނާއަތުގެ ގިނަބަޔަކު ބައިވެރިވާ އަދި ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ޕެރިސް އެއަރޝޯވްވެސް، ކޮވިޑްބަލިމަޑު ހާލަތާ ގުޅިގެން ކެންސަލް ކޮށްފިއެވެ.

ޕެރިސް އެއަރ ޝޯވް ތާވަލް ކޮށްފައި އޮތީ މި ފެށޭ 2021 ވަނަ އަހަރުގެ ޖޫން މަހަށެވެ.

މިޝޯވ ކެންސަލްކުރީ، މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް ބަލިމަޑު ހާލަތާ ގުޅިގެން، މިހާރު ތާވަލް ކޮށްފައިވާ މުއްދަތުގައި ޝޯވް ބޭއްވޭނެ ކަމާމެދު ޔަގީންކަންނެތި، ޝައްކުތައް އުފެދޭގޮތްވުމާ ގުޅިގެން ކަމަށް ވެއެވެ.

އެހެންވެ، ޕެރިސް އެއަރ ޝޯވް މިހާރުވަނީ 2023 އަށް ފަސްކޮށްފައެވެ.

ފްރެންޗް އެއިރޯސްޕޭސް އިންޑަސްޓްރީޒް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންނަ އަހަރުގެ ޝޯވް ކެންސަލް ކުރަމުން ޖެހުމުން، ޝޯވްގައި ބައިވެރިވެފައިވާ ހުރިހާ ފަރާތަކަށްވެސް ފުލް ރިފަންޑު ދޭނޭ ކަމަށެވެ.

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ ރަށްބޭރުގައި އޮންނަ ލެ ބޯރގޭ އެއަރފީލްޑްގައި ކޮންމެ އަހަރަކު ބާއްވާ ޕެރިސް އެއަރ ޝޯވްއަކީ، މުޅި ދުނިޔޭގައިވެސް ބާއްވަމުންދާ އެންމެބޮޑު އޭވިއޭޝަން އިވެންޓްތަކުގެ ތެރޭގައި ހިމެނޭ ޝޯވްއެކެވެ.

ޕްރިސް އެއަރ ޝޯވްގައި އާންމުގޮތެއްގައި ދުނިޔޭގެ ބޮޑެތި އެއަރލައިންތަކުގެ ބޮޑެތި އޯޑަރުތައް އިއުލާން ކުރުމާއި، ބޯޓުތައް އުފައްދާ ކުންފުނިތަކުން އެ ކުންފުނިތަކުގެ އައު މޮޑެލްތައް ދައްކާލުންވެސް އޮވެއެވެ.

ކޮވިޑް ބަލީގެ ސަބަބުން އޭވިއޭޝަން ސިނާއަތަށް ބޮޑެތި ލޮޅުންތައް ވަނީ އަރާފައެވެ.

މަތިންދާ ބޯޓުތައް އުފައްދާ ބޮޑެތި ކުންފުނިތައް ކަމަށްވާ އެއަރބަސް އެސްއީ، ބޮއިންގ ކޯފަދަ ކުންފުނިތަކަށް މަޖުބޫރުވީ، ބޯޓުތައް އުފެއްދުން މަދުކޮށް، އެތައްހާސް ސްޓާފުން ވަޒީފާއިން ވަކިކުރާށެވެ.

އޭވިއޭޝަން ސިނާއަތުގެ ގްރޫޕް، އަޔާޓާއިން ލަފާކޮށްފައިވަނީ، ކޮވިޑްބަލީގެ ސަބަބުން 2020 އާއި 2021 ގެ ތެރޭގައި އެއަރލައިންތަކަށް 157 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބޭނޭ ކަމަށެވެ.