އިންޑިއާ މީހުން އައްޑޫ ސިޓީގައި ތިބިހާ ހިނދަކު އެސިޓީގެ ރައްޔިތަކަށް ބިންކޮޅެއް ނުލިބޭނޭ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޭދޫގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އައްޑޫގެ އިތުރުން ހދ. ހަނިމާދޫގައި ވެސް އިންޑިއާ ސިފައިން އެބައުޅޭ ކަމަށެވެ. އެހެން ކަމުން ހަނިމާދޫ ރައްޔިތުންނަށް ވެސް ދިމާވެފައިވަނީ އެއް މައްސަލައެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިޒާތުގެ ވާހަކަ ދެއްކެވީމާ އިންޑިއާއިން ވަރަށް ބޮޑަށް ހިތުގައި ޖެހޭކަމަށެވެ. އެހެންނަމަވެސް އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްގެން އައްޑޫގައި އަޅަމުންދާ ބުރިޖުގެ އިންޖިނިއަރިންއަށް ބަލާއިރު ދުނިޔޭގެ އެހެން ގައުމުތަކަށްވުރެ ފެންވަރުދަށް ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އިންޑިއާގެ ބޭސްވެރިކަމާމެދު އެމަނިކުފާނު އެއްވެސް ވަރަކަށް ސުވާލު ނުއުފައްދަވާ ކަމަށް ވެސް ވިދާޅުވިއެވެ. ބޭސްވެރިކަމުގައި އިންޑިއާ ކުރިހޯދިޔަސް ބްރިޖުއެޅުންފަދަ މަސައްކަތްތަކުގައި ޗައިނާވަނީ ކުރި ހޯދައިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.