އަންނައަހަރު ބާއްވާ ރިޔާސީން އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެ ކަމަށްވާނަމަ ވެރިކަމާ ހަވާލުވުމަށްފަހު އެންމެ އިސްކަމެއް ދެއްވާނީ ދައުލަތުގެ ދަރަނި ދައްކަން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޭދޫގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން އިންޑިއާއަށް ވެސް ދައްކަންޖެހޭ ދަރަނި އެބަހުރި ކަމަށެވެ. އެހެން ކަމުން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އެންމެ އިސްކަމެއް ދެއްވާނީ އެކަމަށް ކަމަށް ވިދާޅުވިއެވެ.

އެއަށްފަހު އެންމެ ބޮޑަށް އިސްކަން ދެއްވާނީ ޒުވާނުންނަށް އުފާވެރި ދިރިއުޅުމެއް ތަނަވަސް ކޮށްދެއްވަން ކަމަށް ވެސް ވިދާޅުވިއެވެ. ޒުވާނުންނަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނީ އެމީހުންގެ ތަނަވަސްކަން އިތުރުވެގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެން ކަމުން އެމަނިކުފާނުގެ ވެރކަމުގައި އައްޑޫސިޓީގައި ފަސް ހާސް ވަޒީފާ އުފައްދަވާނޭ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެވަޒީފާ އުފައްދާނޭ ގޮތްތަކާ ބެހޭ ތަފްސީލެއް ނުދެއްވައެވެ.

ރައީސް ޔާމީން ރާއްޖޭގެ ވެރިއަކަށް ހުންނެވި ދުވަސްވަރު ޒުވާނުންނަށް ވަރަށްބޮޑަށް އިސްކަމެއް ދެއްވި ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ. އެދުވަސްވަރު ޒުވާނުންނަށް ލައްކައެއްހާ ވަޒީފާ އުފެއްދި ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

ރައީސް އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަރަދޫފޭދޫ، މަރަދޫ ރައްޔިތުުންނާ ބައްދަލު ކުރައްވާނެއެވެ. އަދި މިރޭ މިއަދު ހަވީރާއި މިރޭ ހިތަދޫގައި ބައްދަލުވުންތައް ކުރިއަށް ގެންދަވާނެއެވެ. މިރޭ ހިތަދޫގައި ބާއްވާ ޖަލްސާ ޗެނަލް 13 އިން ދައްކާނޭ ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެއެވެ.