އައްޑޫ ސިޓީގެ ޒުވާނުންގެ އެދުމުގެ މަތީން ހިތަދޫގައި ރޭސިން ޓްރެކެއް އަޅުއްވައި ދެއްވާނޭ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އައްޑޫ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރޭސިން ޓްރެކް އަޅަން ބޭނުންވާ ސަރަހައްދުގައި އިންޑިއާ ސަރުކާރުން ހަދައިދީފައިވާ ޕޮލިސް ޓްރެއިނިން ސެންޓަރ އެބަހުރި ކަމަށެވެ. އެހެން ކަމުން ޓްރެކް އަޅަން ބޭނުންވާ ސަރަހައްދު ހޯދަން ޖެހޭނީ އައްޑޫ ޒުވާނުން ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑަށް ވެރިކަން ލިބިއްޖެ ކަމަށްވާނަމަ އައްޑޫ ޒުވާނުން އެދުނުގޮތަށް ރޭސިން ޓްރެކެއް އަޅައިދޭނަން. އެއީ އެއްވެސް ކަމެއްނޫން. އެއީ އަޅުގަނޑަށް ވަރަށްފަސޭހަކަމެއް. އެހެންނަމަވެސް ރޭސިން ޓްރެކް އަޅަން އޮތް ސަރަހައްދަކީ އިންޑިއާ މީހުން އުޅެމުންދާ ސަރަހައްދެއް. އެސަރަހައްދު ހޯދަންޖެހޭނީ ޒުވާނުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެއްވެސް ކަމަކީ ނުވާނޭ ކަމެއް ނޫންކަމަށާއި އެކަމަށް ބޭނުންވަނީ އަޒުމާއި ހިތްވަރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.