އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު މޮސްކޯއަށް ކުރައްވާ ދަތުރުފުޅުގައި އަލުން ސުލްޙައަށް ބާރުއަޅުއްވައި މަސައްކަތް ކުރައްވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޖަޔަޝަންކަރުގެ މި ދަތުރުފުޅަކީ ޔުކްރެއިންއަށް ސުލްޙައިގެ މޭޒު ދޮށަށް ދިއުމަށް އެމެރިކާއިން ފިއްތަމުންދާ ދަނޑިވަޅެކެވެ.
ޖައިޝަންކަރު މޮސްކޯއަށް ވަޑައިގެންފައި ވަނީ ހޯމަ ދުވަހު އެވެ. އެ ދަތުރުފުޅަކީ ރަޝިޔާގެ ޓްރޭޑް މިނިސްޓަރު ޑެނިސް މަންޓޫރޯވްއާ އެކު ބައިލެޓަރަލް އިންޓަ ގަވަރމަންޓަލް ކޮމިޝަން އޮން ޓްރޭޑް، އިކޮނޮމިކް، ސައިންޓިފިކް، ޓެކްނޮލޮޖިކަލް އެންޑް ކަލްޗަރަލް ކޯޕަރޭޝަން (އައިއާރުއައިޖީސީ-ޓީއީސީ)ގެ ބައްދަލުވުމެއްގެ ކޯ ޗެއާމަންކަން ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ޖަޔަޝަންކަރާއެކު ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގޭ ލަވްރޯވްވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ރަޝިޔާ އާއި ޔޫކްރޭންގެ މެދުވެރިކަމުގައި އިންޑިއާގެ ދައުރެއް އޮވެދާނެ ކަމުގެ ވާހަކަތައް ތިލަވީ ނިއުޔޯކް ޓައިމްސްގައި ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ އެ ރިޕޯޓުގައި ބުނެފައިވަނީ، އިރުމައްޗާއި ހުޅަނގަށް ވެސް ރަހުމަތްތެރިއެއް ކަމަށްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ގައުމު އިންޑިއާގެ އާދަޔާ ޚިލާފު ނުފޫޒު ބޭނުންކޮށްގެން ރަޝިޔާ ކުރާ ހަނގުރާމަ ނިންމާލުމަށް ޕްރެޝަރު ކުރެވޭނެތޯ ޑިޕްލޮމެޓުންނާއި ފޮރިން ޕޮލިސީގެ ތަޖުރިބާކާރުން ގާތުން ބަލަމުންދާ ކަމަށެވެ.
ވޮޝިންޓަން ޕޯސްޓުން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހު ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާ ފޯނުން ގުޅުއްވައި "ސުލްހައިގެ މަޝްވަރާތަކަށް އެހީތެރިކަން ދިނުމަށް ހުށަހެޅުއްވާފަ" ކަމަށެވެ. އޭރު ޒެލެންސްކީ މޯދީއަށް ވިދާޅުވީ ޔޫކްރޭނުން މަޝްވަރާތަކަށް އާނ ބަސް ބުނިކަމުގައި ވިއަސް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ.
މި ރިޕޯޓްތަކަށް އިންޑިއާގެ އޮފިޝަލުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބެއެވެ. ނަމަވެސް، މައުލޫމާތު ހުރި މަސްދަރުތަކުން ބުނީ އިންޑިއާ މިނިސްޓަރުގެ މި ދަތުރުފުޅުން ޔޫކްރޭންގެ ހާލަތަށް ވަގުތުން ކުރިއެރުމެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތް ފަހުން ނިއުދިއްލީން ވަނީ އާންމުކޮށް މޮސްކޯއަށް ފާޑުކިޔުމުން ދުރުވެ، އދ. ހަމަތަކަށް އިހުތިރާމް ކޮށް ހުރިހާ ގައުމަކުންވެސް ސަރަޙައްދީ އެއްބައިވަންތަކަމާއި އިސްތިޤްލާލަށް އިޙްތިރާމްކުރަންޖެހޭނެ ކަމަށް ތަކުރާރުކޮށް ބުނެފައެއެވެ.
މޯދީ ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޑިޕްލޮމެސީއާއި މަޝްވަރާގެ މަގަށް އެނބުރި އައުމަށް ތަކުރާރުކޮށް ބާރުއަޅުއްވާފައެވެ.