ސްޕެނިޝް ލަލީގާގައި ރޭ ރަޔޯ ވަޔަކާނޯ އަތުން 3-2 އިން ބަލިވުމުން، ތާވަލުގެ ކުރިއަަށް އަރަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑަށް ގެއްލިއްޖެއެވެ.

ވަޔަކާނޯގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި ސާންތި ކޮމެސަނާ ކާމިޔާބުކޮށް ވަޔަކާނޯއަށް ލީޑް ނަގައިދިނެވެ. އެކަމަކު ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށް ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑުންނާއި 41 ވަނަ މިނެޓުގައި ޑިފެންޑަރު މިލިޓާއޯގެ ލަނޑުން ރެއާލްއިން ލީޑް ނެގިއެވެ. އެކަމަކު ރެއާލްއަށް ލިޑް ހިފަހައްޓާ ލެވުނީ އެންމެ ތިން މިނެޓަށެވެ. ވަޔަކާނޯއިން 44 ވަނަ މިނެޓުގައި އެއްވަރު ކުރީ އަލްވާރޯ ގާސިއާ ރިވެރާގެ ލަނޑުންނެވެ. ވަޔަކާނޯއިން ދެވަނަ ފަހަރަށް ލީޑް ނެގީ 67 ވަނަ މިނެޓުގައި އޮސްކާ ޓްރެޖޯ ކާމިޔާބު ކޮށްދިން ޕެނަލްޓީއަކުންނެވެ.

މިއީ މިސީޒަނުގައި ލަލީގާގައި ރެއާލް މެޑްރިޑް ބަލިވި ފުރަތަމަ މެޗެވެ.

މިމެޗުން ރެއާލް ބަލިވުމުން ތާވަލުގެ ކުރީގައި 34 ޕޮއިންޓާއެކު ބާސެލޯނާއަށް ވަނީ ދެޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ދެވަނައިގައި ރެއާލް އޮތީ 32 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 24 ޕޮއިންޓާއެކުއެވެ. ވަޔަކާނޯ އޮތީ 21 ޕޮއިންޓާއެކު 8 ވަނައިގައެވެ.