ސިޔާސީ ހަޔާތުގައި ބާކީ ދެންއޮތް ދުވަސްތަކުގައި ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް ނުވަތަ ޕާޓީއަކަށް ގިޓާކުޅެދީ ބެރުޖަހައިދޭކަން ނުހުންނަވާނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އަދި އަންނަ އަހަރު ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނޭ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ބަލިވެވަޑައިގެންނެވިޔަސް އެއްވެސް އެހެން ލީޑަރެއްގެ ފަހަތަށް ނާރުއްވާނޭ ކަމަށެވެ. އަދި އެހެން ޕާޓީއަކާއެކު ކޯލިޝަނެއް ވެސް ނުހައްދަވާނޭ ކަމަށެވެ. "އަޅުގަނޑު އެއްވެސް ސިޔާސީ ލީޑަރަކަށް ގިޓާކުޅެދެން ނެތީން، އަދި ބެރުވެސް ޖަހައިދޭކަށްނެތީން. ބަލިވެއްޖިއްޔާ ހުންނާނީ ގޭގައި. ސިޔާސީ ލީޑަރުންގެ ފަހަތަށް އަރައި ކޯލިޝަން ހެދީމައި ނިކުންނަ ނަތީޖާވެސް އެންމެންގެ ލޯ ކުރިމަތީން މިފެންނަނީ. ސިޔާސީ ޕާޓީއަކާ ގުޅުނަސް އެންމެ އިސްލީޑަރެއްގެ ގޮތުގައި ނޫނީ ނުވެސް ގުޅޭނަން. މީގެ ކުރިން ވެސް މިވާހަކަ އޮންނާނީ ދަންނަވާފައި،" އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރަކީ ރާއްޖޭގައި މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ "ގަޓުގަައި" މަސައްކަތް ކުރައްވާ އެއްބޭފުޅާ އެވެ. ވިދާޅުވާ ބަހެއްގައި ހިފަހައްޓަވައި ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަކީ އޭނާގެ ޚާއްސަ ސިފައެއް ކަމަށް ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ.