އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އައު ކެންޑިޑޭޓެއް ކަމަށް ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރުގެ އިންތިޚާބުގައި މާގިނަ ބޭފުޅުން ވާދަކުރައްވާނޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ވާދަ ކުރައްވާނޭ ކަމަށް އަޑުއަރުވަމުން ގެންދަވާ ބައެއް ބޭފުޅުން އެވާހަކަ ދައްކަވަނީ އެ ބޭފުޅުންގެ ނަމާމެދު ރައްޔިތުން ދެކޭގޮތް ޓެސްޓުކޮށްލަން ކަމަށް ވެސް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ދެވަނަ ބުރަކަށް ނުގޮސް އިންތިޚާބު ކާމިޔާބު ނުކުރެވޭނޭ ކަމަށެވެ. ދެވަނަ ބުރަށްދާނޭ ކަމަށް ބެލެވެނީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ހައްދަވާފައިވާ ބައެއް ގޯސްތަކުގެ ސަބަބުން އެކަން ކަށަވަރު ކުރަން ދަތި ކަމަށް ވެސް ވިދާޅުވިއެވެ.

"ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކޮށްލި މައްސަލަ ކޮބައިތޯ؟ ބޭރު މީހާއަށް އިންސާފެއް ނުލިބޭ. އެކަން ކުރި މީހާއަށް އަދަބެއް ނުދީ މައްސަލަ އޮއްބާލީ. ވެންޓިލޭޓަރު ތަކުގެ މައްސަލަ ކޮބައިތޯ؟ އެމްއެމްޕީއާރުސީގެ ފައިސާގައި އިބްރާހީމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ޖެހިވަޑައިގެންފައިވާ ކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައި. އެހެންވީމާ މިއީ ރައްޔިތުން ވަރަށްބޮޑަށް ވިސްނަވާނޭކަންކަން އިންތިޚާބުގައި،" އުމަރު ވިދާޅުވިއެވެ.

އައު ކެންޑިޑޭޓުން ކަމަށް އުމަރު ވިދާޅުވަނީ އޭނާގެ އިތުރުން އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި އަދި އިންތިޚާބުގައި ވާދަކުރައްވާނޭ ކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އެހެން އައު ބޭފުޅުންނަށެވެ.