ޗައިނާ ރުޅި އަރުވާލާފަދަ ފިޔަވަޅެއްގައި ވިޔަފާރީގެ މަޝްވަރާތަކަށް އިނގިރޭސި ވަޒީރަކު މި ހަފްތާގައި ޓައިވާނަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި ރައީސް ޓްސައި އިންގްވެންއާ ބައްދަލު ކުރައްވާނެ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.
ޑިމޮކްރެޓިކް އުސޫލުން ވެރިކަންކުރާ ޓައިވާނަކީ ބާޣީ ސަރަހައްދެއްގެ ގޮތުގައި ޗައިނާއިން ދެކޭއިރު، ޓައިވާނާއި ބޭރުގެ ސަރުކާރުތަކާ ދެމެދު ރަސްމީކޮށް އެއްވެސް މުއާމަލާތެއް ހިންގުމަކީ ޗައިނާ ގަޔާވާ ކަމެއް ނޫނެވެ.
އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް ފޯ އިންޓަނޭޝަނަލް ޓްރޭޑުން ބުނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޓްރޭޑް އަދި ޕާލަމެންޓްގެ މެންބަރު ގްރެގް ހެންޑްސް ޓައިވާންގެ ރައީސް ޓްސައިއާ ބައްދަލުކުރައްވައި، ޓައިވާން ޓްރޭޑް ޓޯކްސްގެ 25 ވަނަ އަހަރީ ބައްދަލުވުން ބާއްވާނެއެވެ.
އިނގިރޭސި ވަޒީރަކު ޓައިވާނަށް ޒިޔާރަތް ކުރުމަކީ އިނގިރޭސިވިލާތާއި ޓައިވާންގެ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް އިނގިރޭސިވިލާތުން ކުރާ މަސައްކަތުގެ ސާފު އިޝާރާތެކެވެ. އިނގިރޭސިވިލާތް ފަދައިން ޓައިވާނަކީ ވެސް ގަވާއިދުތަކަށް ބިނާކޮށް ދުނިޔޭގެ ވިޔަފާރީގެ ނިޒާމެއްގެ މައްޗަށް ބިނާވެފައިވާ މިނިވަން އަދި އިންސާފުވެރި ވިޔަފާރީގެ ޗެމްޕިއަނެއް ކަމަށް އިނގިރޭސި ވަޒީރުގެ އޮފީހުން ބުންޏެވެ.