ޗައިނާގެ ސަރަހައްދީ ހަރުކަށިކަން ދެއްކުމުން އެމެރިކާއާއި އެމެރިކާގެ ބައިވެރިން ދަނީ ހަނގުރާމައިގެ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ބަލައި އެކަމަށް ތައްޔާރު ވަމުންނެވެ.

ޗައިނާއިން ޓައިވާނަށް ހަމަލާދޭނަމަ ޗައިނާއިން އެމެރކާއާ ކުރިމަތި ލުމުގެ އިތުރުން ސަރަހައްދީ ވާދަވެރި ޖަޕާނާވެސް ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ގަރުނުތަކެއް ވަންދެން ޖަޕާނާއި ޗައިނާއިން ވަނީ އިރުމަތީ އޭޝިއާގައި ވެރިކަން ހޯދުމަށް ވާދަކޮށްފައެވެ. ބައެއް ފަހަރު ދެގައުމުން އެކަކު އަނެކެއްގެ ދެމި އޮތުމަށްވެސް ނުރައްކާ ކޮށްފައިވެ އެވެ.

ޗައިނާއިން ދައްކާ ހަރުކަށި ކަމާ ބެހޭ ގޮތުން ދިރާސާ ކުރުމަށް ޓޯކިޔޯގައި ޖަޕާނުގެ އޮފިޝަލުންނާއި ތަހުލީލުކުރާ ފަރާތްތަކުން ވަނީ ތިން ދުވަހުގެ ބައްދަލުވުންތަކެއް ބާއްވާފައެވެ.

ޖަޕާނުން ދަނީ ތޫފާނެއްް އުޑުމަތީގައި އޮތް ކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރަމުންނެވެ.

"ޔޫކްރޭން މިއަދު. މާދަމާ އިރުމަތީ އޭޝިއާ އަށް ވެދާނެ،" ބޮޑުވަޒީރު ފުމިއޯ ކިޝިދާ ޖޫން މަހު އިންޒާރު ދެއްވި އެވެ. ހަމަ އެ މަހު ޖަޕާނުގެ އާންމުންގެ 90 ޕަސެންޓެއް ހާ މީހުން ގަބޫލުކުރީ ޗައިނާއިން ޓައިވާނަށް އަރައިގަންނާނެ ކަމަށް ބަލައި ޖަޕާނުން ތައްޔާރުވާން ޖެހޭ ކަމަށެވެ. އޭގެ ފަހުން ޗައިނާއިން ވަނީ ޖަޕާނުގެ ސަރަހައްދުގައި އަސްކަރީ އުޅަނދުތައް ދުއްވައި ބިރުދައްކާފައެވެ.

މުހައްލިލުން ދކޭ ގޮތުގައި ޗައިނާގެ ސިފައިންގެ އިސް މަގާމުތަކަށް ޗައިނާ ރައީސް ގެންނަވާފައިވާ ބަދަލުތަކަކީ ނުތަނަވަސް ވާން ޖެހޭ އަދި ސަމާލުވާން ޖެހޭފަދަ ބަދަލުތަކެކެވެ.

ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ އެންމެ މަތީ ދެ މަގާމުގައި ބެހެއްޓުން ހިމެނެނީ 1979ގެ ވއެޓްނާމް ހަނގުރމައިގައި އުޅުނު ދެ ވެޓެރަނެކެވެ. އަދި ހަނގުރމައިގެ މަޖިލީހެއްވެސް ޝީ ވަނީ އެކުލަވާލައްވާފައެވެ.

އެކަމަކު އެހެން ބައެއް މުހައްލިލުން ބުނާ ގޮތުގައި ޗައިނާއަށް ޓައިވާނަށް އަރައިގަތުމަށް ބޭނުންވާފަދަ އެމްފިބިއެންސް ލޭންޑިންގ ކްރާފްޓްތަކެއް ޗައިނާގެ ނޭވީއަކު ނެތެވެ.

ޗައނާގެ ބާރުގެ ދަށަށް ޓައިވާން ވެއްޓިއްޖެނަމަ ޖަޕާނުގެ ޖަޒީރާ ސަރަހައްދުގެ ހުޅަނގު ދެކުނު ކޮޅުގައި އޮންނަ ޖަޒީރާތައް ދިފާއު ނުކުރެވޭނެ ފަދަ ތަންތަނަކަށް ވެދާނެއެވެ. އަދި އެފަދަ ހާލަތެއްގައި ޗައިނާއިން ޖަޕާނުގެ މުހިންމު ވިޔަފާރީގެ މަގުތަކަށް ހުރަސް އަޅައި މައްސަލަ ޖެހިފައިވާ ސެންކަކޫ އައިލެންޑްސްގެ ވަށައިގެން ޕްރެޝަރު އިތުރުކޮށް، ޖަޕާން މަޖުބޫރީ ހާޅަތަކަށް ގެނަސްފާނެއެވެ.

މިހާރުވެސް ސީރިއަސް ސަރަހައްދީ އަސްކަރީ ބާރެއްގެ ގޮތުގައި އޮތް ޖަޕާނުން ދަނީ ޑިޓަރެންސް އާއި ޑިފެންސްގެ ގާބިލްކަން ހަރުދަނާ ކުރުމަށް ހަލުވިކަމާއެކު ހަރަކާތްތެރިވަމުންނެވެ.

ޖަޕާނުން ރާވާފައިވަނީ 2027 ވަނަ އަހަރުގެ ނިޔަލަށް ދިފާއީ ޚަރަދުތައް ގާތްގަނޑަކަށް ދެގުނައަށް އިތުރުކުރާށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާގެ ކަނޑުގެ ސިފައިން ކޮންޓްރޯލު ކުރުމަށް މަތީ ފެންވަރުގެ ސަބްމެރިން ފްލީޓް ބޭނުން ކުރުމުގެ ޕްލޭންތައް ޖަޕާންގައި އެބައޮތެވެ. އެމެރިކާގެ ޓޮމާހޯކް ކްރޫޒް މިސައިލްތަކާއި ޗައިނާގެ މައި ސަރަހައްދަށް އަމާޒުކޮށްފާނެ އެހެނިހެން "ކައުންޓަރ ސްޓްރައިކް" ކެޕޭސިޓީތައް ހޯދުމަށް ވެސް ޓޯކިޔޯއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިއިން ބައެއް ފިޔަވަޅުތައް އާންމުކޮށް ޖަސްޓިފައި ކުރެވެނީ އުތުރު ކޮރެއާގެ ވަރަށް ހަގީގީ ނުރައްކަލަކާ ކުރިމަތިލުމަށް އަޅާފައިވާ ފިޔަވަޅުތަކެއްގެ ގޮތުގައެވެ. އެކަމަކު ޖަޕާނުގެ އޮފިޝަލުން ވިދާޅުވަނީ ޕިއޮންގްޔަންގާއި އެކު ދިމާވާ ކޮންމެ މުސީބާތަކީ ބެއިޖިންގެ އަނިޔާވެރިކަމާ ދެކޮޅަށް ހަތިޔާރު ހޯދުމަށް ޖަޕާނުން ދައްކާ ޙުއްޖަތް ވަރުގަދަވާ ކަމެއް ކަމަށެވެ.