ޔޫރަޕިއަން ޔޫނިއަންއިން ޗައިނާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ސްވިޒަލޭންޑުން ތަސްދީގުކޮށްފިނަމަ ޗައިނާއާއި ސްވިޒަލޭންޑްގެ ގުޅުމަށް ގެއްލުންވާނެ ކަމަށް ސުއިޒަރލެންޑްގައި ހުންނަވާ ޗައިނާ ސަފީރު ވަންގް ޝިހްޓިން ވިދާޅުވެއްޖެއެވެ.
މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން އީޔޫއިން ވަނީ ޝިންޖިއާން ސަރަހައްދުގައި އުއިގޫރުންނާއި އެހެނިހެން މައިނޯރިޓީ ގްރޫޕްތަކުގެ އިންސާނީ ހައްގުތަކާ ޗައިނާއިން ހިލާފުވާ ކަމަށް ތުހުމަތު ކޮށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ހޮވާލެވޭ އޮފިޝަލުންނާއި އެމީހުންނާ ގުޅުން ހުރި ޖަމިއްޔާތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. ސްވިޒަލޭންޑުން ވެސް އެގޮތަށް އަމަލު ކުރަން ނިންމާފައި ނުވި ނަމަވެސް އެކަން ކުރުމަށް ޕާލަމެންޓް މެމްބަރުންނާއި މަދަނީ ޖަމިއްޔާތަކުން ދަނީ ޕްރެޝަރު ދެމުންނެވެ.
ސްވިޒަލޭންޑުގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ޝިހްޓިންގް ވަނީ މިފަދަ ފިޔަވަޅެއްގެ ނަތީޖާ ހިތވާނެ ކަމަށް އިންޒާރު ދެއްވާފައެވެ.
ޗައިނާއިން ވަނީ އިންސާނީ ހައްގުތަކާ ބެހޭ އދގެ ކޮމިޝަނަރ ނެރުއްވި ޝިންޖިއާން ރިޕޯޓަކީ ޔޯލަވހަކަތަކެއްގެ މައްޗަށް ބިނާ ކޮށްފަިއވާ ރިޕޯޓެއް ކަމަށް ބުނެފައެވެ.
ސްވިޒަލެންޑަކީ ޗައިނާއާ އެކު ސިޔާސީ އަދި އިގްތިސާދީ ގޮތުން ވަރުގަދަ ގުޅުމެއް އޮންނަ ގައުމެކެވެ. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް 1950 ވަނަ އަހަރު އިއުތިރާފްވި ހުޅަނގުގެ ފުރަތަމަ ޤައުމުތަކުގެ ތެރެއިން ސްވިޒަލޭންޑް ހިމެނެއެވެ. އަދި އެއީ، ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދާފައިވާ ހަމައެކަނި ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެއް ގައުމު ވެސް މެއެވެ.
ޗައިނާއަކީ 2010 ވަނަ އަހަރުން ފެށިގެން އޭޝިއާގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއެވެ އަދި އެއީ އީޔޫ އާއި އެމެރިކާއަށް ފަހު ތިން ވަނައަށް އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ އެވެ.