މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް ސްޓެލްކޯ ސޭލްސް ސެންޓަރުން ކަސްޓަމަރުން މުދާ ގަނެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިފެސިލިޓީ މެދުވެރިކޮށް ކަރަންޓުލުމަށް ބޭނުންވާ ހުރިހާ ސާމާނާއި، ކަރަންޓު ވައިރުކުރުމަށް ބޭނުންވާ އާލާތްތަކާއި، މިނޫނަސް ކަރަންޓާގުޅޭ ތަފާތު ބްރޭންޑު ތަކުގެ އުފެއްދުންތައްވެސް އެ ސްކީމްގެ ދަށުން ގަނެވޭނެއެވެ.

އެމްއައިބީގެ އުޖާލާ ދިރިއުޅުން ސްކީމަކީ ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތްތަކަށް ފުރިހަމަކަން ގެނައުމަށް ބޭނުންވާ ތަކެތި، ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް، ނެގޭ ސްކީމެކެވެ. ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް މި ސްކީމުން މުދާ ގަނެވޭނޭ ކަމަށް އެމްއައިބީން ބުނެފައިވެއެވެ.

މި ސްކީމުގެ ދަށުން ގިނަވެގެން ނެގޭނީ 400،000 ރުފިޔާ ގެ މުދަލެވެ. މިފަދަ ސްކީމްތަކުގެ ސަބަބުން ކަސްޓަމަރުންގެ ތެރެއިން އެއްފަހަރާ ފައިސާދައްކަން ދަތިވާ ފަރާތްތަކަށް ނުހަނު ގިނަ ފަސޭހަތައް ލިބިގެންދާނެއެވެ.

ފައިނޭންސިން އެހެން ސްކީމްތަކާ ޚިލާފަށް މި ސްކީމުގައި ފައިސާ ދައްކަން ބޭނުންވާ މުއްދަތު 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން ކަސްޓަމަރު ބޭނުންވާ މުއްދަތެއް ޚިޔާރުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ސްކީމުގެ ދަށުން ލިބޭ ފައިސާގެ ލިމިޓް 06 މަސް ވަންދެން ބޭނުންކުރެވޭނެއެވެ. މުއްދަތުގައި ބޭންކަށް ހަމައެކަނި ކޯޓޭޝަން ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ލިބޭނެއެވެ.