ޗައިނާއިން ޓައިވާން ހިމަނައިގެން ޗައިނާ އަލުން އެއްބައިވަންތަ ކުރުމަށް ކުރާ މަސައްކަތް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވެ ބޮޑުވަމުން ނެއެވެ. ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ) ގެ 20 ވަނަ ކޮންގްރެސް ފެށުނުއިރު ޗައިނާގެ ލީޑަރު ރައީސް ޝީ ޖިންޕިންގް ވިދާޅުވީ ޓައިވާން އަލުން ޗައިނާއާ އިއްތިހާދު ކުރުމަށް ބާރުގެ ބޭނުން ކުރަން ޖެހިއްޖެނަމަ އެކަން ނުކޮށް ދޫކޮށެއް ނުލާނެ ކަމަށެވެ.

ޓައިވާނުން ރައްދުގައި ބުނެފައި ވަނީ އިސްތިޤްލާލާއި، ޑިމޮކްރަސީއާއި، މިނިވަންކަން އެއްވެސް ހާލެއްގައި ދޫކޮށް ނުލާނެ ކަމަށެވެ.

އާޚިރުގައި ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ސީޕީސީގެ އިތުރުން ޝީ ޖިންޕިންއަށް ވެސް ޓައިވާނަކީ މި ވަގުތަށް އެންމެ މުހިންމު ވެފައިވާ މައްސަލައެވެ.

ޓައިވާނާ ގުޅޭގޮތުން ބައިނަލްއަގްވާމީ މުޖުތަމައުގެ ޝައުގުވެރިކަން ވެސް އިތުރު ވެއެވެ. ނަމަވެސް ފެންނަނީ ސީދާ ކޮށް ޗައިނާއަށް ގޮން ޖަހާލަން އެއްވެސް ގައުމަކުން ބޭނުން ނުވާ ކަމަށެވެ.

ބައިނަލްއަގްވާމީ ބޮޑެތި ޖަމިއްޔާތަކުގައި ޗައިނާގެ މާލީ އަދި ސިޔާސީ ނުފޫޒާ އެކު، ޓައިވާނަށް ގޮނޑިއެއް ދިނުމަށް ފަސްޖެހުން އިތުރުވެގެން ގޮސްފައި ވެއެވެ.

ބައިނަލްއަޤްވާމީ ޖިނާއީ ފުލުހުންގެ ޖަމިއްޔާ އިންޓަޕޯލް އިން ޗައިނާ މީހުން ތަމްސީލު ކުރާ ގައުމެއްގެ ގޮތުގައި ހަމައެކަނި ބަލައިގަންނަނީ ޗައިނާ ކަމަށް އެއެޖެންސީގެ ވެރިޔާ ވިދާޅުވިއެވެ. މިއީ ޓައިވާނަށް އޮބްޒާވަރެއްގެ މަގާމު ނުލިބުނު ހަމައެކަނި ބައިނަލްއަގްވާމީ އިދާރާއެއް ނޫނެވެ.

މިއަހަރުގެ ކުރީކޮޅު ޓައިވާނުން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވޯލްޑް ހެލްތު އެސެމްބްލީގައި އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވުމަށް އެދިފަ އެވެ. ނަމަވެސް ޗައިނާ ސަރުކާރުން ޓައިވާނަށް ގޮނޑިއެއް ދިނުމަށް ހުރަސް އެޅުމުން 2022 ވަނަ އަހަރު ޖެހިޖެހިގެން ހަ ވަނަ އަހަރަށް ކޮންފަރެންސް އިން ޓައިވާން ވަނީ ބާކީކޮށްފަ އެވެ.

ޓައިވާން ކަނޑު އޮޅީގައި ހަމަނުޖެހުން ވަނީ ދިހަވަރަކަށް އަހަރު ތެރޭގައި ކުރިން ނުދާ މިންވަރަށް މަތީ ދަރަޖައަކަށް ގޮސްފައެވެ.

މީގެ ކުރިން ޗައިނާގެ ލީޑަރުން ޓައިވާން އެއްބައިވަންތަ ކުރުމަކީ ދިގު މުއްދަތުގައި ހާސިލް ކުރެވޭނެ ކަމެއްގެ ގޮތުގައި ވާހަކަ ދައްކަކވާފައި ވެއެވެ.

ނަމަވެސް މިދުވަސްވަރު ކޮމިއުނިސްޓް ޕާޓީއާއި ޝީއަށް ތައިވާނަކީ އެޖެންޑާގައި އެއް ނަމްބަރު އިސްކަންދޭ މައްސަލައެވެ.ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޓައިވާނާ މެދު އުފެދިފައިވާ ހަމަނުޖެހުން އިތުރަށް ތޫނުވެއްޖެ އެވެ.

މިދިޔަ ޖޫން މަހު ޗައިނާގެ ލީޑަރު ޝީ ސޮއިކުރެއްވި ގަރާރުގައި 'ހަނގުރާމަ ނޫން' ކަންކަމަށް ސިފައިން ބޭނުން ކުރުމުގެ ހުއްދަ ދެއްވާފައި ވެއެވެ.

އެއީ ޔުކްރެއިންގައި ޕޫޓިންވެސް އަމަލު ކުރެއްވި ގޮތެވެ. ޔުކްރެއިން ގައި ޕޫޓިން ފެށްޓެވީ 'ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް'އެވެ.

ޝީ ޖިންޕިންގް ސޮއިކުރެއްވ ގަރާރުން ސިފައިންނަށް ސައިބާ ހަމަލަތައް ދީ ނަފްސާނީ ހަނގުރާމައެއްގެ ތެރެއަށް ތައިވާން ވައްޓާލުމަށް މަސައްކަތްތައް ކުރެވޭނެއެވެ. މިއީ ޓައިވާން ހަނގުރާމައިގެ މުގައްދިމާ ކަމަށް ބެލެވިދާނެއެވެ.