ވޯލްޑް ކަޕް ބާއްވަން ގަތަރަކީ މާކުޑަ ގައުމެއް ކަމަށާއި، ގަތަރުގައި ވޯލްޑް ކަޕް ބާއްވަން ފުރުސަތު ދެވުމަކީ ހެދުނު ގޯހެއް ކަމަށް ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑް، 2010 ވަނަ އަހަރު ގަތަރުން ކާމިޔާބު ކުރިއިިރު ފީފާގެ ރައީސަކަށް ހުރީ ބްލެޓާއެވެ.

"ގަތަރު މާކުޑައީ. ވޯލްޑް ކަޕާއި ވޯލްޑް ކަޕް އީދު ގަތަރާ ބަލާއިރު މާބޮޑު" ސްވިޒަލޭންޑުގެ ނޫހެއް ކަމުގައިވާ "ޓޭޖްސް އެންޒައިގާ" އަށް ދިން ބަސްދީގަތުމެއްގައި ބަސްދީގަތުމެއްގައި ބްލެޓާ ވިދާޅުވިއެވެ.

ގަތަރުން ވޯލްޑް ކަޕް ބިޑް ކާމިޔާބު ކުރީ ފީފާގެ އެގްޒެކްޓިވް ކޮމެޓީގެ ވޯޓުގައި އެމެރިކާއާ ވާދަކޮށްް 14 ވޯޓް 8 ވޯޓުންނެވެ. ބްލެޓާ ވިދާޅުވީ އޭނާ ވޯޓް ދެއްވީ އެމެރިކާއަށް ކަމަށާއި އެކަމަކު އޭރުގެ ޔުއެފާގެ ރައީސް ފްރާންސްގެ މިޝޭލް ޕްލެޓީނީ ވޯޓް ދެއްވީ ގަތަރަށް ކަމަށެވެ.

"ޕްލެޓީނީ އާއި އޭނާގެ ޓީމުން (ހަތަރު ވޯޓް) ވޯޓް ދެއްވީ ގަތަރަށް. ގަތަރަށް ވޯޓް ކާމިޔާބު ކުރެވުނީ ޕްލެޓީނީ އާއި އޭނާގެ ޓީމުގެ ސަބަބުން" ޕްލެޓީނީ ކުއްވެރި ކުރައްވައި ބްލެޓާ ވިދާޅުވިއެވެ.

"ގަތަރުގައި ވޯލްޑް ކަޕް ބާއްވަން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް. ފީފާގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މިކަމުގެ ޒިއްމާ އަޅުގަނޑު ނަގަން" ބްލެޓާ،86، ވިދާޅުވިއެވެ.

ވޯލްޑް ކަޕް ބާއްވަން ގަތަރު، ޔޫރަޕުގެ ގިނަ ގައުމުތަކަށާއި ޔޫރަޕުގެ ފުޓްބޯޅައިގައި ނަގާ ކިޔާ ބައެއް ފަރާތްތަކަށް ކަމު ނުގޮސްގެން އުޅެނީ މައިގަނޑު ދެސަބަބަކާ ހުރެއެވެ. ފުރަތަމަ ސަބަބަކީ އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ ޔޫރަޕުގެ ގައުމުތަކުން ހިންގާ ނަޖިސް ކެމްޕެއިނަށް ގަތަރުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ނޫނެކޭ ބުނެ، އެކަމަަށް ގަތަރުން ފުރުސަތު ނުދޭނެ ކަމަށް އެގައުމުން ބުނެފައި އޮތުމާއި ވޯލްޑް ކަޕަށް ތައްޔާރު ކުރި ސްޓޭޑިއަމްތަކުގައި މަސައްކަތް ކުރި ބިދޭސީ މަސައްކަތްތެރިންނާމެދު ގަތަރުން އިންސާނީ ހައްގަށް އަރައިގަނެފައިވާ ކަމަށް ބުނެ ހުޅަނގުން ދައްކާ ވާހަކަތަކަށް ގަތަރުން ބީރު ކަންފަތެއް ދޭތީއެވެ.