އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް، މޫސާ މަނިކު(ރީކޯ) އަލުން އެމްޑީޕީއާ ގުޅި ވަޑައިގެންފިއެވެ. އޭނާ ޕާޓީއާ ގުޅިވަޑައިގެންނެވި ފޯމު ހަވާލު ކުރެއްވީ އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއެވެ.

މޫސައަކީ އެމްޑީޕީގެ ޕާލަމެންޓުގެ މެމްބަރެއްގެ ގޮތުގައި ހުންވައިގެންނާއި ޗެއާޕާސަނެއްގެ ގޮތުގައި ހުންނަވައިގެެން އެތައް ޚިދުމަތެއް ޕާޓީއަށް ކޮށްދެއްވި ބޭފުޅެކެވެ.

އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މިއަދުއެވެ. އޭނާއަކީ އެމްޑީޕީ އުފައްދަންް އެންމެ ފުރަތަމަ ސޮއިިކުރެއްވި ބޭފުޅުންގެ ތެރެއިން 9 ވަނައަށް ސޮއިކުރެއްވި ބޭފުޅާއެވެ. އޭނާ އެޕާޓީއަށް ފުރަތަމަ ސޮއިކުރެއްވީ 2005 ވަނަ އަހަރު ޖޫން 5 ގައެވެ. އެމްޑީޕީން މޫސަ ވަކިކޮށްފައިވަނީ 2014 ވަނަ އަހަރުު ޑިސެންބަރ 22 ގައެވެ.

އަލުން ޕާޓީއާ ގުޅިވަޑައިގަންނަވަން ބޭނުންފުޅު ކަމަށްވާނަމަ 50 މީހުންގެ މެމްބަރޝިޕް ފޯމާއެކު ވަޑައިގެންނެވުމަށް އެޕާޓީން މޫސާ މަނިކަށް އެންގެވިއެވެ. އަދާ ހަމައަށް އެކަން ނުކުރައްވައި ހުންނެވުމަށްފަހު މިއަދު އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 150 މީހުންނާއެކުގައެވެ. އެމްޑީޕީން ވަކިކުރެއްވުމުން ދުވަސްކޮޅަކަށް ޕީޕީއެމްގައި ވެސް މޫސަ އުޅުއްވިއެވެ.