ދެ ފަރާތަކުން މަޝްވަރާކޮށްލައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ބަލައި، އެކަން ކުރުމުގެ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއާއި ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލެއް ނުކުރެވޭނެ ކަމަށެވެ.

https://twitter.com/maumoonagayoom/status/1336179534509445121

ރޭ ގެނެސްދިން "އާސްކް ސްޕީކަރ" ޕްރޮގުރާމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި ރާއްޖޭގައި ގިނަ ދުވަހު ވެރިކަން ކޮށްފައިވަނީ ވެސް ބަރުލަމާނީ ނިޒާމަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުވީ ފާއިތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައިކަމަށެވެ. އަދި މިކަން ބަދަލުކޮށް ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ނޫނީ ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ނުލިބޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.