އެެހެން ކުޅުންތެރިން ފަދައިން އޭނާވެސް އުއްމީދަކަށް ވެފައި އޮތީ މިމަހުގެ 20 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުން ކަމަށާއި ކަންތައް ވެގެން މިދިޔައީ އުއްމީދު ކުރި ގޮތާއި އިދިކޮޅަށް ކަމަށް ލިވަޕޫލްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ފިރްމީނޯ ބުނެފިއެވެ.
ފިރްމީނޯގެ ބަދަލުގައި ބްރެޒިލްގެ ކޯޗް ޓިޓޭ ފުރުސަތު ދިނީ ޓޮޓެންހަމްގެ ފޯވާޑް ރިޗަލްސަން އަށާއި އާސެނަލްގެ ފޯވާޑް ގެބްރިއަލް ޖިސޫސްއަށެވެ. އެކަމަކު މިދެކުޅުންތެރިންނަށްވުރެ ކްލަބު ލެވެލްގައި މިސީޒަނުގައި ފިރްމީނޯގެ ވިދުން ގަދައެވެ.
ޕްރިމިއަރ ލީގުގައި މިސީޒަނުގައި ފިރްމީނޯ ކުޅުނު 12 މެޗުގައި 6 ލަނޑު ކާމިޔާބުކޮށް 3 ލަނޑު ޖެހުމަށް ވަނީ އެހީތެރިވެދީފައެވެ. އަދި ޗެމްޕިއަންސް ލީގުގައި މިސީޒަނުގައި ކުޅުނު 6 މެޗުގައި 3 ލަނޑު ކާމިޔާބުކޮށް 2 ލަނޑު ޖެހުމަށް ވަނީ އެހީތެރިވެދީފައެވެ. ޖިސޫސް އާއި ރިޗަލްސަންގެ ލަނޑު ޖެހުމާއި އެސިސްޓްތަކުގެ ރެކޯޑް އުޅެނީ ފިރްމީނޯއަށް ވުރެ ފަހަތުގައެވެ.
"ވޯލްޑް ކަޕުގައި ކުޅުމަކީ ފުޓްބޯޅަ ކުޅޭ ކޮންމެ ކުޅުންތެރިއެއްގެވެސް ހުވަފެނެއް. އަހަރެންގެ އަމިއްލަ ނަފްސުވެސް މިކަމުން އިސްތިސްނާއެއް ނުވޭ. އިއްޔެ ކަންތައް ވެގެންދިޔައީ (ބްރެޒިލް ސްކޮޑް އިއުލާން ކުރުން) އަހަރެން ވޯލްޑް ކަޕާމެދު އުއްމީދު ކުރި ގޮތަކަށް ނޫން. އެކަމަކު ފަހަތަށް އަހަރެން ބަލާލުމުން ހިތްހަމަ ޖެހެނީ ކުރިއަށް އޮތް ތަނުގައިވެސް ވޯލްޑް ކަޕުގައި ކުޅުމުގެ އުއްމީދު، އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އަހަރެންގެ ހަށިގަނޑުގެ ތެރޭގައި ދިރިހުރީތީ. މިކަމަށް އަހަރެން ޝުކުރުވެރިވަން" ފިރްމީނޯ ،31، ބުންޏެވެ.
ފިރްމީނޯ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލް ގައުމީ ޓީމަށް ކުޅެފައެވެ. ދެވަނަ ބުރުގައި މެކްސިކޯ އަތުން 2-0 އިން މޮޅުވި މެޗުގައި އޭނާ ލަނޑުވެސް ޖެހިއެވެ. ފިރްމީނޯ މިހާތަނަށް ވަނީ ބްރެޒިލް ގައުމީ ޓީމަށް 55 މެޗުގައި 17 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
"އަހަންނަށް ހިތްވަރުދީ، އެކުގައި ވާކަން ހާމަކޮށް ވަރަށް ގިނަ ސަޕޯޓަރުން ގެންދަނީ މެސެޖްތައް ފޮނުވަމުން. މިހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން" އިންސްޓަގްރާމްގައި އާންމު ކުރި މެސެޖެއްގައި ފިރްމީނޯ ބުންޏެވެ.