ރޮބާޓް ލެވަންޑޮސްކީއަށް މެޗުގެ 31 ވަނަ މިނެޓުގައި ދެއްކި ރަތް ކާޑުގެ ސަބަބުން މެޗުގެ ބޮޑު ބައި އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ބާސެލޯނާއިން ފަހަތުން އަރައި އޮސަސޫނާ 2-1 އިން ބަލިކޮށް ތާވަލުގެ ކުރީގައި 5 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
އޮސަސޫނާއިން މެޗް ފެށީ މެޗުގެ 6 ވަނަ މިނެޓުގައި ޑޭވިޑް ގާސިޔާގެ ލަނޑުން ލީޑް ނަގައިގެންނެވެ. ގާސިއާ މިލަނޑު ޖެހީ ނެގި ކޯނަރެއް ބޮލުން ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ބާސެލޯނާއިން މަސައްކަތް ކުރަމުން ދަނިކޮށް އިތުރު އުނދަގޫތަކެއް ކުރިމަތިވީ 31 ވަނަ މިނެޓުގައި ލެވަންޑޮސްކީއަށް ރަތް ކާޑް ދެއްކުމުންނެވެ. ރެފްރީ ޖިސޫސް ގިލް މަންޒާނޯއަށް ލެވަންޑޮސްކީއަށް ރަތްކާޑް ދެއްކީ، ބޯޅަ އަތުލަން އުޅުމުގެ ތެރޭގައި އޮސަސޫނާގެ ޑިފެންޑަރެއްގެ ބަނޑަށް ގަސްދުގައި ލެވަންޑޮސްކީ ހަމަލާ ދިން ކަމަށް ބަލައެވެ. އޭގެ ފަހުން ބެންޗުގައި އިން ޖެރާޑް ޕީކޭއަށްވެސް މަންޒާނޯ ރަތް ކާޑް ދެއްކިއެވެ. މަންޒާނޯ ވަނީ އޭނާގެ ރެފްރީ ކެރިޔަރުގައި ބާސާގެ ކުރީގެ ދެތަރިން ކަމުގައިވާ ލިއޮނަލް މެސީ އާއި ލުއިޒް ސްއަރޭޒަށްވެސް ރަތްކާޑް ދައްކާފައެވެ.
ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އޭރިޔާގެ ތެރެއަށް ހުރަސްކުރި ބޯޅައެއް ވިންގަރ ފެރަން ޓޮރޭސް ގޯލު ތެރެއަށް ފޮނުވާލައިގެން ނަތީޖާ ހަމަހަމަވެސް ކުރިއެވެ. އެކަމަކު ރެފްރީ ނިންމީ ޓޮރޭސް ލަނޑު ޖެހީ އޮފްސައިޑް މަގާމެއްގައި ހުރެ ކަމަށެވެ.
ބާސާއިން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފް ފަށައިގެން 3 ވަނަ މިނެޓުގައި މިޑްފީލްޑަރު ޕެޑްރީގެ ލަނޑުންނެވެ. އޭނާ މިލަނޑު ޖެހީ އޮސަސޫނާ ކުޅުންތެރިން ދިފާއުކުރި ބޯޅައެއް އޭރިޔާގެ ތެރެއިން ލިބި އެއްފަހަރުން ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.
ބާސާ ކޮޅަށް ނަތީޖާ އަނބުރާލަ ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރެޒިލްގެ ވިންގަރ ރަފީނާގެ ހިތްގައިމު ލަނޑަކުންނެވެ. މެދުރޮނގާ ދާދިކައިރިން، ބާސާގެ ހާފްގެ ތެރެއިން މިޑްފީލްޑަރު ފްރޭންކީ ޑިޔޯން މަތިމަތިން އޮސަސޫނާގެ ޑިއޭރިޔާގެ މައްޗަށް ނަގައިދިން ބޯޅަ ރަފީނާގެ ގޯލަށް ޖެހީ، އޭރިޔާގެ ފޫޓެއްހައި ބޭރުން ބޮލުން ޖައްސައި އޮސަސޫނާގެ ކީޕަރު ބޯމަތިން ހިތްގައިމުކޮށް ފޮނުވާލައިގެންނެވެ.
މިމޮޅާއެކު ތާވަލުގެ އެއްވަނައިގައި ބާސާ ހަމަޖެހިލީ 37 ޕޮއިންޓާއެކުއެވެ. އެކަމަކު އެއީ 32 ޕޮއިންޓާއެކު ތާވަލުގެ 2 ވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ އިތުރަށް އެއްމެޗް ކުޅެގެންނެވެ.