ހަވިކެޓުން ނިއު ޒީލެންޑް ބަލިކޮށް ޓީޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލުން ޕާކިސްތާން މިއަދު ޖާގަ ހޯދައިފި އެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ގަސްދުކުރީ ކުޅެން އަރާށެވެ. 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ނިއުޒީލެންޑަށް ހެދުނީ 152 ލަނޑެވެ. ނިއު ޒީލެންޑުން އެންމެ ރަނގަޅަށް ކުޅުނީ 35 ބޯޅައިން 53 ލަނޑު ހެދި ޑަރީލް މިޗެލް އެވެ.

ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރައި ފައިނަލުގެ ޖާގަ ޔަގީން ކުރީ ކެޕްޓަން ބާބާ އަޒްމޫނާއި ރިޒްވާނުގެ ބައިސައްތަ ލަނޑާއެކުއެވެ. އެންމެ ރަނގަޅަށް ކުޅުނީ 43 ބޯޅައިން 57 ލަނޑު ހެދި ރިޒްވާނެވެ. ބަބަރު ވަނީ 42 ބޯޅައިން 53 ލަނޑު ހަދައިފަ އެވެ.

ޕާކިސްތާނުން ފައިނަލުން ޖާގަ ހޯދާފައި މިވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ ދެމެޗުގައި އިންޑިޔާ އާއި ދެކުނު އެފްރިކާ އަތުން ބަލިވެ، ސެމީފައިނަލަށްވެސް ނުގޮސް ކަޓާނެކަމަށް ބެލެވިފައި ވަނިކޮށެވެ. އެކަމަކު ދެކުނު އެފްރިކާ އަތުން ހައިރާން ކުރުވަނިވި ގޮތަކަށް ނެދަލޭންޑްސް މޮޅުވުމާއި ފަހު މެޗުގައި ބަންގްލަދޭޝް އަތުން ޕާކިސްތާން މޮޅުވުމުން ސެމީގެ ޖާގައެއް އެގައުމަށް ލިބުނީއެވެ.

ފައިނަލުގައި ޕާކިސްތާން ވާދަކުރަން ޖެހޭ ގައުމެއް ކަށަވަރު ވާނީ ސެމީފައިނަލުގެ ދެވަނަ މެޗުގައި މާދަމާ އިންޑިޔާ އާއި އިންގްލެންޑް ބައްދަލު ކުރާ މެޗަށްފަހުއެވެ.

މީގެ ތެރެއިން، ޕާކިސްތާނުން ފުރަތަމަ ކްރިކެޓް ވޯލްޑް ކަޕެއް ކާމިޔާބު ކުރީ 1992 ވަނަ އަހަރު އިންގްލެންޑް ބަލިކޮށްފައެވެ. އެކަމަކު އިންޑިޔާއާ ދެކޮޅަށް ކުޅުނު ފައިނަލުން 2007 ވަނަ އަހަރު ބަލިވީއެވެ.