ވޯލްޑް ކަޕް ފެށެން ވާއިރަށް ފިޓްވާނެ ކަމަށާއި ވޯލްޑް ކަޕުން ފެންނާނެ ކަމަށް ދެކުނު ކޮރެއާގެ ކެޕްޓަން އަދި އެގައުމުގެ ތަރި ސޮން ހިން މިއުން ބުނެފިއެވެ.

ސޮންގެ ވާތު ލޯ ކައިރިން ކަށިގަނޑެއް ރެނދުލުމާއި ގުޅިގެން މިދިޔަ ހަފްތާގައި ވަނީ ސާޖަރީއެއް ހަދާފައެވެ.

ސޮން މިއަދު އޭނާގެ އިންސްޓަގްރާމްގައި އާންމު ކުރި މެސެޖެއްގައި ބުނީ އަނިޔާވުމުން ވަރަށް ބޮޑަށް ހާސްވި ކަމަށާއި އެކަމަކު މިހާރު ވޯލްޑް ކަޕަށް ފިޓްވާނެކަން ޔަގީން ކަމަށެވެ. ސޮންގެ މެސެޖުގައި ބުނެފައި ވަނީ ބޮޑުވަމުން އަންނަ އެތައް ކުދިން ފަދައިން އޭނާގެ އުއްމީދަކީވެސް ވޯލްޑް ކަޕުގައި ދެކުނު ކޮރެއާ ތަމްސީލް ކުރުން ކަމަަށާއި އެކަމަށް ކެތްމަދުވެފައި ހުރި ކަމަށެވެ.

ސޮންއަށް އަނިޔާވިއިރު އޭނާ ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ. މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގުގައި 23 ލަނޑު ޖަހައިގެން ލީގުގެ ރަންބޫޓް ހޯދި ސޮންއަކީ އޭޝިޔާގެ ކުޅުންތެރިންގެ ތެރެއިން ޕްރިމިއަރ ލީގުގައި ރަންބޫޓް ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ.

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ދެކުނު ކޮރެއާ ވާދަކުރަން ޖެހެނީ ޕޯޗުގަލް އާއި އުރުގުއޭ އަދި ގާނާއާއެކު ގްރޫޕް "އެޗް" ގައެވެ.