ވެހިކަލް މަރާމާތުކުރާ ގަރާޖެއްގައި ރޭ އަލިފާން ރޯވެ 10 މީހަކު މަރުވުމުން އެފަދަ ހާދީސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ހޯދާ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

އެ ކޯލީޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މީގެ ކުރީގައިވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުން، އެވަގުތަށް ވާހަކަތަކެއް ދައްކަވާ އޮއްބާލާ އުސޫލު ދޫކޮށްލަމްޖެހޭ ކަމަށެވެ. މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ކުރެވޭނޭ ނިޒާމެއް ކަނޑައަޅައި، ހަރުދަނާ ސިޔާސަތެއް އެކަށައެޅުމަށް ވެސް އެކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

އެ ހާދިސާގެ ސަބަބުން ގެއްލުން ލިބި ހާލުގައި ޖެހިފައިވާ ޢާއިލާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކޮށް، ހާދިސާގެ ސަބަބުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރޭގެ ހާދިސާގައި އެތައް ބަޔަކު ނިޔާވި ޚަބަރު އެ ކޯލިޝަނުން އެހީ ނުހަނު ކަންބޮޑުވުމާއި އަސަރާއިއެކު ކަމަށެވެ. މި ބިރުވެރި އަދި ހިތާމަވެރި ހާދިސާގައި ނިޔާވި އެންމެހާ މުސްލިމް އަޚުންނާއު އުޚުތުންގެ ފުރާނައަށް ﷲ ތަޢާލާ ރަޙުމަތްލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް ވަނީ އެދިފައެވެ.

މިހާދިސާގައި ނިޔާވި އެންމެހާ ފަރާތްތަކުގެ ޢާއިލާތަކަށް ވެސް ކޯލިޝަނުން ވަނީ ތައުޒިޔާ ކިޔައިފައެވެ. އަލިފާނުގެ ހާދިސާ ހިނގި ގޭގެ އިތުރުން ކައިރި ގޭގެއަށްވެސް އަލިފާނުގެ އަސަރުކޮށް އެކި ވަރުގެ ގެއްލުން ލިބިފައިވާތީ، މިހާދިސާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާ ތަކަށާއި އެކި ވަރުގެ ގެއްލުން ލިބުނު ޢާއިލާތަކަށް ހަމްދަރުދީވާ ކަމަށް ވެސް ބުނެފައިވެއެވެ.

ހާދިސާ ހިނގުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުރާނައަށް ބެލުމެއް ނެތި ޙަރަކާތްތެރިވި ދިވެހި ސިފައިންނާއި ފުލުހުން ގެ އިތުރުން އެހީތެރިވި ޢާންމު ރައްޔިތުން ގުޅިގެން ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށް މިކޯލިޝަންގެ އިޚުލާސްތެރި ޝުކުރު ދަންނަވާ ކަމަށް ވެސް ބުނެފައިވެއެވެ.