މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޖޯޑަން ސަންޗޯ އާއި އޭސީ މިލާނަށް ކުޅެމުން އަންނަ ފިކަޔޯ ޓޮމޯރީ އަދި ޓަމީ އަބްރަހްމްއަށް ނުހިމަނައި އިންގްލެންޑުން ވޯލްޑް ކަޕަށް ގެންދާ ސްކޮޑް މިރޭ އިއުލާން ކޮށްފިއެވެ.

އިނގިރޭސި ފުޓްބޯޅަ ތާރިހުގައި ތިންވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ހުރި ސަންޗޯއަށް މިސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑުގައި އެކަށީގެންވާ ރަނގަޅު ކުޅުމެއް ނުދެއްކެއެވެ. އެކަމަކު މިދިޔަ ސީޒަނުގައި އޭސީ މިލާނުން އިޓާލިއަން ސޭރިއޭގެ ޗެމްޕިއަންކަން ހޯދިއިރު އަދި މިސީޒަނުގައި ޗެމްޕިއަންސް ލީގް ދެވަނަ ބުރުން އޭސީ މިލާނަށް ޖާގަ ހޯދައި ދިނުމުގައި މުހިއްމު ދައުރެއް އަދާކުރު ޑިފެންޑަރު ފިކަޔޯ ޓޮމޯރީއަށް އިންގްލެންޑް ސްކޮޑުން ޖާގަ ނުލިބުމުން ގިނަބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ.

ކެނެޑާއަށް އުފަން ޓޮމޯރީގެ ބަދަލުގައި އިނގިރޭސި ސްކޮޑުން ޖާގަ ދީފައި ވަނީ މިސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ވަރަށް މަދު މެޗެއްގައި ނޫނީ ފުރުސަތު ނުލިބޭ ހެރީ މަގުއޭއަށެވެ.

މިދިޔަ ސީޒަނުގައި އިޓަލީގެ އޭއެސް ރޯމާއަށް ޔުއެފާ ކޮންފަރެންސް ލީގް ހޯދައި ދިނުމަށާއި މިސީޒަނުގައި އިޓާލިއަން ސޭރިއާގައި އެޓީމަށް މުހިއްމު ލަނޑުތަކެއް ކާމިޔާބު ކޮށްދެމުން އަންނަ ފޯވާޑް ޓަމީ އަބްރަހަމްއަށްވެސް އިނގިރޭސި ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ.

ވޯލްޑް ކަޕަށް ގެންދާ އިނގިރޭސި ސްކޮޑް:

ގޯލް ކީޕަރުން: ޖޯޑަން ޕިކްފޯޑް ، ނިކް ޕޯޕް ، އާރޮން ރަމްސްޑޭލް

ޑިފެންޑަރުން: ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ، ކޯނޯ ކޯޑީ ، އެރިކް ޑިއާ ، ހެރީ މަގުއޭ، ލޫކް ޝޯ، ޖޯން ސްޓޯންސް، ކިއެރަން ޓްރިޕިއަރ، ކައިލްވޯކާ ، ބެން ވައިޓް

މިޑްފީލްޑަރުން: ޖޫޑް ބެލިންހަމް، ކޯނޯ ގައްލަގާ، ޖޯޑަން ހެންޑަސަން، މޭސަން މައުންޓް، ކަލްވިން ފްލިޕްސް، ޑެކްލަން ރީސް ، ޖޭމްސް މެޑިސަން، ޖެކް ގްރީލިޝް،

ފޯވާޑުން: ފިލް ފޯޑެން ، ހެރީ ކޭން، ބުކަޔޯ ސަކާ، މާކަސް ރަޝްފޯޑް، ރަހީމް ސްޓާލިންގ، ކޮއްލަމް ވިލްސަން