ވޯލްޑް ކަޕަށް އަމާޒުކޮށް ގަތަރުން ތައްޔާރު ކުރި "ފޭންސް ވިލެޖް" އިއްޔެ ހުޅުވައި، ރޫމެއް 200 ޑޮލަރަށް މަތީ އަގުތަކުގައި ވިއްކަން ފަށައިފިއެވެ.

ވިޔަފާރީގެ ހަބެއްގެ ގޮތުގައި ދުނިޔޭގައި މަޝްހޫރު ގަތަރުގެ ތާރިހުގައި، އެގައުމަށް އެންމެ ގިނަބަޔަކު އެއްދުވަސް ކޮޅެއްގެ ތެރޭގައި އެތެރެވާނެ ކަމަށް އެގައުމުން އަންދާޒާ ކޮށްފައި ވަނީ މިފަހަރުގެ ވޯލްޑް ކަޕް ބެލުމަށެވެ. މިމަހުގެ ވިހި ވަނަ ދުވަހު ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވާއިރު ގަތަރުން އަންދާޒާ ކޮށްފައިވަނީ ވޯލްޑް ކަޕް މެޗުތައް ބެލުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން 1.7 މިލިޔަން މީހުން އެގައުމަށް އެތެރެވާނެ ކަމަށެވެ.

ކޮންޓެއިނަރުތައް ބޭނުން ކޮށްގެން ހަދާފައިވާ ފޭންސް ވިލެޖުގެ މަތިން ނަގާފައިވާ ފޮޓޯއެއް.

ގަތަރުގައި ހުރި ހޮޓާތަކުން މިއެންމެންނަށް ޖާގަ ނުލިބޭނެކަން ޔަގީން ކުރެވޭތީ، މިކަމަށް ހައްލެއް ހޯދުމަށް ގަތަރުން ގެންގުޅުނު މައިގަނޑު އެއްޕްލޭނަކީ 6،000 ރޫމް ހަދައި އެއްފަހަރާ ބާރަ ހާސް މީހުން އޮކްމެޑޭޓް ކުރެވޭނެ ގޮތަށް "ފޭންސް ވިލެޖް" ތައްޔާރު ކުރުމެވެ.

ފޭންސް ވިލެޖުގައި ދެ ކޮލިޓީއެއްގެ ރޫމް ލިބެން ހުރެއެވެ. އެއީ މައި އެއާޕޯޓާ ހައެއްކަ ކިލޯ މީޓަރު ދުރުގައި ކޮންޓެއިނަރު ބޭނުން ކޮށްގެން ހަދާފައިވާ "ކެބިން ފްރީ ޒޯން" އާއި ގަތަރުގެ ސަގާފީ ފޭލިގޭގެ ޑިޒައިނަށް އަލް ޚޯރް ސިޓީގައި ތައްޔާރު ކޮށްފައިވާ ފޭން ވިލެޖެވެ.

1. ކެބިން ފްރީ ޒޯން

އަގު: ރެޔަކަށް 207.36 ޑޮލަރު

(ތިން އަހަރުން ދަށުގެ ކުދިންނަށް 10 ޑޮލަރު)

ލިބޭ ޚިދުމަތްތައް (ރެކްރިއޭޝަނަލް): ޖިމް، ޓެނިސް ކޯޓް، ސްކްރީން (ސިނެމާ)

ކެބިން ފްރީ ޒޯނުގެ ކޮޓަރިއެއް.

2. އަލް ޚޯރް ސީޓީ "ފޭންސް ވިލެޖް"

އަގު: 423.69 ޑޮލަރު (ރެޔަކަށް)

ލިބޭ ޚިދުމަތްތައް (ރެކްރިއޭޝަނަލް): ބީޗް ، އައުޓްޑޯރ ސްވިމިންގ ޕޫލް، ޓެނިސް ކޯޓް

އަލް ޚޯރުގައި ތައްޔާރު ކޮށްފައިވާ ފޭންސް ވިލެޖުގެ ކޮޓަރިއެއް.

ފޭންސް ވިލެޖު ހެދުމުގެ އިތުރުން، މެޗުތައް ބެލުމަށް ގަތަރަށް އަންނަ ފަރާތްތަކަށް އަމާޒުކޮށް އެކަމޮޑޭޝަން ހަމަޖެއްސުމަށް ގަތަރުން ވަނީ ވޯލްޑް ކަޕް ނިމެންދެން 3 ކްރޫޒާލައިން ކުއްޔަށް ހިފައި ގަތަރަށް ގެނެސްފައެވެ.