ލިޔެވި އެކަށައެޅިފައިވާ ޤާނޫނީ ދުސްތޫރަކާ ކަންކަން ނިންމުމުގެ އެންމެ ބާރުވެރި ފަރާތަކީ ރައްޔިތުންކަން ތަރުތީބު ކުރަނީ ޖުމްހޫރީ ނިޒާމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ކުރެއްވި ޓުވީޓެއްގައި އެމަނާ ވިދާޅުވެފައިވަނީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ހިންގޭ ވެރިކަމުގެ ނިޒާމަކީ ޖުމްހޫރީ ވެރިކަން ކަމަށެވެ.

"ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ހިންގޭ ވެރިކަމުގެ ނިޒާމަކީ ޖުމްހޫރީ ވެރިކަން. ލިޔެވި އެކަށައެޅިފައިވާ ޤާނޫނީ ދުސްތޫރަކާ ކަންކަން ނިންމުމުގެ އެންމެ ބާރުވެރި ފަރާތަކީ ރައްޔިތުންކަން ތަރުތީބު ކުރަނީ މި ނިޒާމް. ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން،" އެމަނާ ވިދާޅުވެފައިވެއެވެ.

އެކަމަނާ މިގޮތަށް ޓްވީޓު ކުރެއްވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ. އެބައް ބަޔަކު ވަކާލާތު ކުރަނީ ރާއްޖޭގައި މިހާރުވެސް މިއޮތް ޖުމްހޫރީވެރިކަމުގެ ނިޒާމު ބޭއްވުމަށެވެ. އަނެއްބަޔަކު ވަކާލާތު ކުރަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށެވެ. މިހާރު ރާއްޖޭގައި އޮތް ނިޒާމަކީ ރައްޔިތުންގެ މެދުގައި ވޯޓެއްނަގައި ރައްޔޮތުން ނިންމި ނިޒާމެކެވެ.