މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ ސްޕެއިނު ސްކޮޑުން ތަޖުރިކާރު ޑިފެންޑަރު އަދި ކުރީގެ ކެޕްޓަން ސާޖިއޯ ރާމޮސް އާއި ތަޖުރިބާކާރު ކީޕަރު ޑޭވިޑް ޑެހެއާއަށް ފުރުސަތު ނުދީ، ވޯލްޑް ކަޕަށް ގެންދާ ސްކޮޑް ކޯޗް ލުއިސް އެންރީކޭ މިއަދު ހަވީރު އިއުލާން ކޮށްފިއެވެ.
މިދެކުޅުންތެރިންގެ އިތުރުން ސްކޮޑުން ޖާގަ ނުލިބުނު އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ލިވަޕޫލަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ތިއާގޯ އަލްކަންޓްރާއެވެ.
ރާމޮސް ވަނީ ސްޕެއިނުން 2008 ގެ ޔޫރޯ އާއި 2010 ގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރިއިރު ޑިފެންސްލައިނުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
އެންރީކޭގެ ސްކޮޑުން މިފަހަރުވެސް ވަނީ ތަޖުރިބާކާރު ޑިފެންސިވް މިޑްފީލްޑަރު ސާޖިއޯ ބުސްކެޓަށް ފުރުސަތު ދީފައެވެ. ބުސްކެޓަކީ، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ސްޕެއިން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން މިހާރު ގައުމީ ޓީމުން ޖާގަ ލިބުނު ހަމައެކަނި ކުޅުންތެރިޔާއެވެ. މިފަހަރު ވޯލްޑް ކަޕް ވެގެންދާނީ ބުސްކެޓް،34، ގެ 4 ވަނަ ވޯލްޑް ކަޕަށެވެ.
ސްޕެއިނުން ވޯލްޑް ކަޕަށް ގެންދާ ސްކޮޑް:
ކީޕަރުން: އުނައި ސިމޯން ، ރޮބާޓް ސަންޗޭޒް ، ޑޭވިޑް ރަޔާ
ޑިފެންޑަރުން: ކަވަހަލް، އަޒްބިލިކުއެޓާ، އެރިކް ގާސިއާ، ގުއިލަމޮން، ޕައު ޓޮރޭސް، އަޔަމެރިކް ލަޕޯޓޭ، އަލްބާ، ގަޔާ
މިޑްފީލްޑަރުން: ސާޖިއޯ ބުސްކެޓް، ރޮޑްރީ، ގަވީ، ކާލޮސް ސޯލާ، މާކޮސް ލޮރެންޓޭ، ޕެޑްރީ، ކޮކޭ
ފޯވާޑުން: ފެރަން ޓޮރޭސް، ނިކޯ ވިލިއަމްސް، ޔެރެމީ ޕިނޯ، އަލްވާރޯ މޮރާޓާ، މާކޯ އެސެންސިއޯ، ސަރަބިއާ، ޑަނީ އޮލްމޯ، އަންސޫ ފަޓީ
މިފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ސްޕެއިން ވާދަކުރަން ޖެހެނީ ޖަރުމަނާއި ޖަޕާން އަދި ކޮސްޓަރީކާއާއެކު ގްރޫޕް "އީ" ގައެވެ.