ޕީއެސްވީއަށް ކުޅެމުން އަންނަ އުމުރުން އެންމެ 19 އަހަރުގެ އުއްމީދީ މިޑްފީލްޑަރު ޒަވީ ސިމޯންއަށް، ވޯލްޑް ކަޕަށް ގެންދާ ނެދަލޭންޑްސް ގައުމީ ޓީމުން ޖާގަ ލިބުމުން އުފަލުން ފޮޅިއްޖެއެވެ.

ނޭދަލޭންޑްސްއިން ވޯލްޑް ކަޕަށް ގެންދާ ސްކޮޑުން ޖާގަ ލިބުމުން ޒަވީ ސިމޯންއަށް އެކަން ގަބޫލް ކުރަންވެސް އުނދަގޫވިއެވެ. ވޯލްޑް ކަޕް ސްކޮޑުން ޖާގަ ލިބުމުން ޒަވީ ސިމޯން އާންމު ކުރި މެސެޖެއްގައި ބުނީ އުފާވެރިކަން ބަޔާން ކުރަން ދަތިކަމަށެވެ. "އަހަރެންގެ އުފާވެރިކަން ބަޔާން ކޮށްދޭނެ އެއްވެސް ލަފުޒެއް ނެތް. ވޯލްޑް ކަޕް ސްކޮޑުން ޖާގަ ލިބުމަކީ ދެކުމުންދިޔަ ހުވަފެން ހަގީގަތަކަށް ވުން. އަހަރެންގެ އާއިލާ އަށާއި ގާތް އެންމެނަށް މިފުރުސަތުގައި ޝުކުރު އަދާކުރަން. ވަކިން ހާއްސަކޮށް ކޮންމެ ހާލެއްގައިވެސް އަހަރެން ދެކެ އިންތިހާއަށް ލޯބިވެ މިދަތުރުގައި (ފުޓްބޯޅަ ކެރިޔަރުގައި) އަހަންނަށް އެއްބާރުލުންދިން ލޯބިވާ މަންމަ، ބޭބެ އަދި ދައްތައަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން" ޒަވީ ސިމޯން ބުންޏެވެ.

ޒަވީ ސިމޯން ފުރަތަމަ ވިދާލީ ބާސެލޯނާގެ ޔޫތު އެކަޑަމީ، ލަމާސިއާއިންނެވެ. ލަމާސިއާއާ އޭނާ ގުޅުނީ އުމުރުން އެންމެ 7 އަހަރުގައި 2010 ވަނަ އަހަރުގައެވެ. އެކަމަކު 2019 ވަަނަ އަހަރު ބާސެލޯނާގެ ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާ ނާކާމިޔާބުވުމުން އަހަރަކު 1 މިލިޔަން ޔޫރޯގެ މުސާރައަކަށް ފްރާންސްގެ ޕީއެސްޖީއަށް އޭނާ ބަދަލުވީއެވެ.

ޕީއެސްޖީގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބޭތީ، ލޯން އެއްބަސްވުމެއްގެ ދަށުން މިއަހަރުގެ ޖޫން މަހު ޒަވީ ސިމޯން ބަދަލުވީ އަމިއްލަ ގައުމުގެ ޕީއެސްވީއަށެވެ. ޕީއެސްވީގައި އޭނާވީ ފުރަތަމަ އެގާރައިގައި ހިމެނޭ މުހިއްމު ކުޅުންތެރިޔަކަށެވެ. މިސީޒަނުގައި އެކްލަބަށް 10 ލަނޑު ކާމިޔާބު ކޮށްދީ 5 ލަނޑު ޖެހުމަށް އޭނާ ވަނީ އެސިސްޓް ކޮށްފައެވެ.

ވޯލްޑް ކަޕުގައި ވާދަކުރާ ނެދަލޭންޑްސް ސްކޮޑުން، ކޯޗް ލުއީ ވެންހާލް، ޒަވީ ސިމޯންއަށް ފުރުސަތު ދިންއިރު އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ކަމަކީ މިހާތަނަށް ނެދަލޭންޑްސް ސީނިއަރ ގައުމީ ޓީމުގެ ޖާޒީގައި އޭނާއަށް މިހާތަނަށް ކުޅެން ފުރުސަތު ލިބިފައި ނުވާ ކަމެވެ.