ފެނަކައިން ލ. މާބައިދޫގައި އަލަށް އިމާރާތްކުރި އައު އިންޖީނުގެ ހުޅުވައި ރައްޔިތުންނަށް ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. އެރަށުގައި އައު އިންޖީނުގެއިން ޚިދުމަތް ދޭން ފެށީ 38 އަހަރުވަންދެން އެރަށުގައި ހިންގަމުން އައި ބައު އިންޖީނުގެ ބަންދު ކުރުމަށްފަހުގައެވެ.

ފެނަކައިން ވިދާޅުވީ އެރަށުގައި ކުރިން ހިންގަމުން އައިސްފައިވަނީ އިހުޒަމާނުގެ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެއެއް ކަމަށެވެ. ލ. މާބައިދޫ އައު އިންޖީނުގެއިން ޚިދުމަތް ދޭން ފަށާފައިވަނީ ނޮވެމްބަރު 11 ވަނަ ދުވަހުގެ 15:52 ކަމަށެވެ. "ލ. މާބައިދޫގައި 38 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، 11 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 15:52 އިން ފެށިގެން މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފެށިފައިވާ ވާހަކަ އުފަލާއިއެކު ފާހަގަކުރަން،" ފެނައިން ވިދާޅުވެފައިވެއެވެ.

ރަށްރަށުގައި ފެނަކައިން އަލަށް އިމާރާތް ކުރާ އިންޖީނުގެތަކާއެކު އޮފީސް އިމާރާތެއް ވެސް އަޅައެވެ. އޭގެ އިތުރުން ރައްކާތެރި ކަމާއެކު ތެޔޮ ގެންގުޅެވޭނޭ ވަސީލަތްތައް ވެސް ގާއިމް ކުރާ ކަމަށް ފެނައިން ވިދާޅުވިއެވެ. އޭގެ އިތުރުން އިމްޖީނުގެއިން ބޭރުވާ ދުމުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ޗިމްނީ ތަކެއް ހަދާފައިވާނޭ ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ.