މިސްރުގެ ޝަރަމުއްޝައިޚުގައި ބޭއްވި ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27)ގައި ބައިވެރިވެވަޑައިގަތުމަށްފަހު ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމް ރާއްޖެ ވަޑައިގެންފިއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިއަދުގެ މެންދުރުފަހުއެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މި ދަތުރުފުޅުގައި، އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ ގައުމީ ބަޔާން އިއްވަވައި ދެއްވިއެވެ. އެ ބަޔާނުގައި އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ދުނިޔޭގެ ގައުމުތަކުން އެއްބައިވުމަށް ގޮވާލައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ކަންކަމުގައި، ރާއްޖެއަށް ކުރެވޭނެ މާބޮޑުކަމެއް ނެތްކަން ފާހަގަކުރައްވައި، ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބި، ހަރުދަނާ ގޮތެއްގައި މޫސުމީ ބަދަލުތަކަށް އިޖާބަދިނުމަކީ ރާއްޖެއަށް ކުރެވޭނެ ކަމެއް ނޫންކަމުގައި އެބަޔާނުގައި ނާއިބު ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި، މަތީފެންވަރުގެ ވަފުދުތަކާއި އެކު ބައްދަލުވުންތައް ބާއްވަވާފައެވެ. މީގެ އިތުރުން ކޮޕް27 ކޮންފަރެންސްގެ ތެރެއިންބޭއްވި "އިނޮވޭޓިވް ފައިނޭންސް ފޮރ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް" މަތީ ފަންތީގެ ވެރިންގެ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެ މަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވޭ މަސައްކަތްތައް ކުރިއަރާފައިވާ ގައުމުތަކުންވެސް ދެނެގަނެ، ޒިންމާ އުފުލަންޖެހޭ ކަމަށެވެ. "ކްލައިމެޓް ޗޭންޖް އެންޑް ސަސްޓެއިނަބިލިޓީ އޮފް ވަލްނަރަބަލް ކޮމިއުނިޓީސް" މަތީ ފަންތީގެ ވެރިންގެ ވަށްމޭޒު ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިގެނެވިއެވެ. އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް27)ގެ ހަވާސާގައި ބޭއްވި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި ވަލްނަރަބަލް ގްރޫޕް އޮފް 20، (ވީ20) ގައިވެސް ރާއްޖޭގެ ފަރާތުން އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ.

މި ދަތުރުފުޅުގައި އަލްއަޒްހަރު އަލް ޝާރިފްގެ ގްރޭންޑް އިމާމް ޕްރޮފެސަރ ޝައިޚް އަޙްމަދު އަލްޠައްޔިބާ ވެސް ނާއިބު ރައީސް ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި އަލްއަޒްހަރު އަލްޝާރިފްގެ ގްރޭންޑް އިމާމް ވަނީ ރާއްޖެއަށް ކުރު މުއްދަތުގެ ތަމްރީނާއި ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި، މުދައްރިސުން އިތުރަށް ފޮނުއްވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިޞްރުގައި ކިޔަވަންތިބި ދިވެހި ކިޔަވާކުދިންނާއިވެސް އެމަނިކުފާނު ވަނީ ގާހިރާގައި ބައްދަލު ކުރައްވާފައެވެ.