މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ގެންދާ އިނގިރޭސި ސްކޮޑުން ބާކީކޮށްފައި ހުރި ފޯވާޑް އައިވަން ޓޯނީ، އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީ ކޮޅަށް ދެލަނޑު ޖަހައި ބްރެންޓްފޯޑް މޮޅުކޮށްދީ އިނގިރޭސި ގައުމީ ޓީމުގެ ކޯޗް ސައުތު ގޭޓަށް ފެންވަރު ދައްކާލައިފިއެވެ.

މިމެޗް ބްރެންޓްފޯޑުން ކާމިޔާބު ކުރީ 2-1 އިންނެވެ.

ޓޯނީގެ ދެލަނޑު ފެނިގެންދިޔައީ މެޗުގެ 16 ވަނަ މިނެޓާއި ފުރިހަމަ ވަގުތު ހަމަވެގެން އިތުރަށް ދެއްކި 8 މިނެޓް ހަމަވާން ދަނިކޮށް އެންމެ ފަހު ސިކުންތު ކޮޅު ތެެރޭގައެވެ. ސިޓީގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ފިލް ފޯޑެންއެވެ. ވޯލްޑް ކަޕަށް ގެންދާ އިނގިރޭސި ސްކޮޑުން ފޯޑެންއަށް ވަނީ ފުރުސަތު ދީފައެވެ.

އިނގިރޭސި ގައުމީ ޓީމުން ޖާގަ ނުލިބުމުން ހިތާމައިގައި ހުރި ޓޯނީއަކީ މިފަހަރު ޕްރިމިއަރ ލީގުގައި ކުޅޭ އިނގިރޭސި ފޯވާޑުންގެ ތެރެއިން އެންމެ ކޮންސިސްޓްކޮށް ކުޅޭ އެއްފޯވާޑެވެ. މިސީޒަނުގައި ލީގުގައި ޓޯނީ ކުޅުނު 14 މެޗުގައި 10 ލަނޑު ވަނީ ކާމިޔާބު ކޮށްފައެވެ. އޭނާގެ ލަނޑުތަކުން 19 ޕޮއިންޓް ހޯދައި ބްރެންޓްފޯޑް އޮތީ ތާވަލުގެ 10 ވަަނައިގައެވެ.

އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑް ލައިނުން ސައުތު ގޭޓް ފުރުސަތު ދީފައި ވަނީ މާކަސް ރަޝްފޯޑާއި ބުކަޔޯ ސަކާ، ރަހީމް ސްޓާލިންގ އަދި ކޮއްލަމް ވިލްސަންއަށެވެ.

އަނެއްކޮޅުން މިރޭ ބްރެންޓްފޯޑް އަތުން ބަލިވުމުން، ވަގުތީ ގޮތުން ތާވަލުގެ ކުރިއަށް އަރަން ސިޓީއަށް އަރަން ފުރުސަތު ވަނީ ގެއްލިފައެވެ. ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ މިހާތަނަށް ކުޅުނު 14 މެޗުން ކުޅުނު 32 ޕޮއިންޓާއެކުއެވެ. އެއްވަަނައިގައި 34 ޕޮއިންޓާއެކު އޮތީ އާސެނަލްއެވެ. މިރޭ 0:45 ގައި ވޮލްވުސްއާ ދެކޮޅަށް ކުޅޭ މެޗުން އާސެނަލް މޮޅުވެއްޖެނަމަ ތާވަލުގެ ކުރީގައި 5 ޕޮއިންޓުގެ ލީޑެއް އާސެނަލްއަށް ލިބޭނެއެވެ.