ނިމިގެން ދިޔަ އޮކްޓޫބަރު މަހުމީރާއަށް 1.25 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެތަނުން ވިދާޅުވެއްޖެއެވެ. މީރާއިން ވިދާޅުވީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %24.6 އިތުރު އަދަދެއް ކަމަށެވެ. މިއީއޮކްޓޫބަރު 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %28.5 އިތުރު އަދަދެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އޮކްޓޫބަރު 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އޮކްޓޫބަރު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށް ވެސް އެ އޮތޯރިޓީން ވިދާޅުވެފައިވެއެވެ.

މިގޮތުން، އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ ވަނީ އިތުރުވެފައެވެ. ނަމަވެސް، ސެޕްޓެމްބަރ 2021 އާއި އަޅައިބަލާއިރު، ސެޕްޓެމްބަރ 2022 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 2.5% ދަށްވެފައިވާކަން މީރާއިން ފާހަގަކުރެއެވެ.

އޮކްޓޫބަރު 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ ޓީ.ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. ހަމައެހެންމެ، 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން އޮކްޓޫބަރު މަހުގައި މި ސުންގަޑި އައިސްފައިވުން ކަމުގައި މީރާއިން ވިދާޅުވިއެވެ.

މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %57.4 ނުވަތަ 716.47 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ %10.3 ނުވަތަ 127.97 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 100.51 މިލިއަން ރުފިޔާ (%8.1)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 67.98 މިލިއަން ރުފިޔާ (%5.4)، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 64.67 މިލިއަން ރުފިޔާ (%5.2) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 170.71 މިލިއަން ރުފިޔާ (%13.7) ލިބިފައިވެއެވެ.

އޮކްޓޫބަރު 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.