ޓޫރިޒަމް ދާއިރާގައި ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކުން ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި ހުރި މައްސަލަތައް ދެނެގަތުމަށާއި އެކަންކަން ހައްލުކުރުމަށް އެހީތެރިވެދިނުމަށް މީރާއިން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ދަށުން މާފުށީގައި ހިންގާ ގެސްޓްހައުސްތައް އިންސްޕެކްޓްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް މިއަދު ހިންގަމުން ދާ ކަމުގައި މީރާއިން މައުލޫމާތުދީފިއެވެ.

މި ހަރަކާތުގައި މާފުށީގައި ހިންގާ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް، މައުލޫމާތާއި އެހީތެރިކަން ފޯރުވައި ދިނުމުގެ އިތުރުން، އޮޑިޓް ކުރުމަށް ކަނޑައެޅިފައިވާ ފަރާތްތައް އޮޑިޓްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް މީރާއިން ވިދާޅުވިއެވެ. މީގެ އިތުރުން ޓެކުހަށް މަކަރުހެދުމުގެ ތުހުމަތުގައި މީރާއިން ތަހުގީގުކުރާ ބައެއް ފަރާތްތައް ބަލައިފާސްކުރުމަށްވެސް ހަމަޖެހިފައިވާކަމަށް މީރާއިން ވިދާޅުވިއެވެ.

ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މިފަދަ ޕްރޮގްރާމްތައް އިތުރު ރަށްރަށުގައި ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ވެސް އެތަނުން ވިދާޅުވިއެވެ. އަލަށް ހުޅުވާ ރިސޯޓްތަކާއި، މަލްޓިނޭޝަނަލް ކުންފުނިތަކާއެކު ޓޫރިޒަމް ދާއިރާގައި ހިންގާ މުއާމަލާތްތަކާގުޅޭ ގޮތުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންދާކަމަށް ވެސް މީރާއިން ވިދާޅުވިއެވެ. އޭގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް ފުރިހަމަކުރާ މިންވަރު ބަލައި، ޓެކުހާގުޅޭ އިލްތިޒާމުތައް ގަވާއިދުން ފުރިހަމަ ކުރަމުން ނުދާ ފަރާތްތަކާމެދު މީރާއިން ފިޔަވަޅު އަޅަމުންދާނެކަމުގައިވެސް މީރާއިން ހާމަކުރެއެވެ.