ލިޓަސް ރ.އަތޮޅު ފުޓްސަލް ފައިނަލުގައި މިއަދު ހަވީރު ދުވާފަރާއި އިނގުރައިދޫ ބައްދަލު ކުރި މެޗުގައި ދެޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން މެދުގައި ނުރައްކާތެރި ހަމަނުޖެހުންތަކެއް ހިނގައި ގިނަބަޔަކަށް އެކިވަރުގެ އަނިޔާތަކެއް ލިބިއްޖެއެވެ.
އުނގޫފާރުގައި ކުޅުނު މިފައިނަލް މެޗުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އުނގޫފާރުގައި ހުންނަ ރ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސް 18 މީހަކަށް ފަރުވާ ދޭން ޖެހުނުކަމަށް އެހޮސްޕިޓަލުގެ އޮފިޝަލަކު މައުލޫމާތު ދެއްވިއެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ 8 ކުދިން ހިމެނެއެވެ.
މީގެ އިތުރުން މިމެޗުގެ ޝަރަފްވެރި މެހްމާނުގެ ގޮތުގައި އިންނެވި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) އަށްވެސް މިހަމަ ނުޖެހުމުގައި ވަނީ އަނިޔާވެފައެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ 3-0 އިން އިނގުރައިދޫއިން ލީޑް ކުރަމުން ދަނިކޮށް ދުވާފަރުގެ ސަޕޯޓަރުން ދަނޑަށް ފުޅި އާއި އެކިބާވަތުގެ ތަކެރި އުކަން ފެށުމުންނެވެ. މެޗުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ފުލުހުން ވަނީ މިކަން ކޮންޓްރޯލްކޮށް މެޗް ނިމެން ދެން ދެރަށުގެ ސަޕޯޓަރުން ވަކި ދެސަރަހައްދެއްގައި ބައިތިއްބާފައެވެ. އެކަމަކު މެޗް ނިމުމާއެކު ދެރަށުގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގީއެވެ.
ފަހަތުން އަރައި 4-3 އިން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދުވާފަރެވެ.
މިހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ފުލުހުން އިހްމާލުވި ކަމަށް ބުނެ އިނގުރައިދޫ ޕޮލިސް ސްޓޭޝަން ދޮށުގައި އެރަށު ރައްޔިތުން ގެންދަނީ މިވަގުތު އަޑު އުފުލަމުންކަން ފާހަގަ ކޮށްލެވެއެވެ.
މިއީ ފަހުގެ ތާރިހުގައި ކުޅިވަރު މުބާރާތެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުންކަން ފާހަގަ ކޮށްލެވެއެވެ.