ތަޢާރަފް: ފުޓްބޯޅަ އެތަނަކުން އުފަންވި ތަން ކަމުގައި އެންމެ ބޮޑަށް ދައުވާ ކުރާ ގައުމަކީ އިނގިރޭސިވިލާތެވެ. މިކަމަށް ބާރުލިބޭ ހެކިތައްވެސް މަދެއް ނޫނެވެ. ތާރިހުން ފެންނަން އޮތް ގޮތުގައި ދުނިޔޭގައި ފުރަތަމަ އުފެދުނު ފުޓްބޯޅަ ގައުމީ ދެޓީމަކީ އިނގިރޭސިންނާއި ސްކޮޓްލޭންޑް ގައުމީ ޓީމެވެ. މިތަނުން ފުޓްބޯޅައަށް ދޮށީ ކޮން ގައުމެއްތޯ ކުރެވޭ ބަހުސަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ނިމުން އަންނާނެހެން ހިޔެއް ނުވެއެވެ.

ފުޓްބޯޅައަށް ކިތަންމެ ދޮށިނަމަވެސް، އިނގިރޭސިންނަކީ ތައްޓާ މާދޯޅުބައެއް ނޫނެވެ. މިހާތަނަށް ކާމިޔާބު ކުރެވިފައި ވަނީ އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް އެކަންޏެވެ.

އިނގިރޭސި ގައުމީ ޓީމު 1880 ވަނަ އަހަރުގައި ނަގާފައިވާ ފޮޓޯއެއް.

ފީފާ ރޭންކިންގ: 5 ވަނަ

ވޯލްޑް ކަޕުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ: 1966 ގެ ވޯލްޑް ކަޕް ޗެމްޕިއަންކަން.

މުބާރާތާއި މެދު ކުރެވޭ އުއްމީދު:

އިންގްލެންޑް މިފަހަރު އޮތީ ވޭލްސް އާއި އިރާން އަދި އެމެރިކާއާއެކު ގްރޫޕް "ބީ" ގައެވެ. މިގްރޫޕުން އިނގިރޭސިން ދެވަނަ ބުރަށް ދާނެ ކަމަށް ތަޖުރިބާކާރުން ދެކެއެވެ. އެއި ކިރިޔާވެސް އެގައުމަށް ނުރައްކަލެއް ކުރެވޭ ވަރުގެ ގައުމަކަށް މިގްރޫޕުގައި ފެންނަން އޮތީ ވޭލްސް ކަމުގައިވާތީއެވެ. އިނގިރޭސި ގައުމީ ޓީމުގައި ނަގަން ކިޔަން ތިބި ގިނަ ކުޅުންތެރިންނަކީ އެންމެފަހުގެ ވޯލްޑް ކަޕުގެ ސެމީފައިނަލަށް އެގައުމު ގެންގޮސްދިން ކުޅުންތެރިންނެވެ. މީގެ އިތުރުން މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން އިންގްލެންޑް ޖާގަ ހޯދުމާއެކު، މިފަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް އެގައުމު ދާނެކަމަށް އުއްމީދު ކުރާ ސަޕޯޓަރުންގެ އަދަދު އިންތިހާއަށް ގިނައެވެ.

މުހިއްމު ކުޅުންތެރިން:

އިނގިރޭސި ގައުމީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ކެޕްޓަން އަދި ފޯވާޑް ހެރީ ކޭން ،29، އެވެ. މިސީޒަނުގައި މިހާތަނަށް ކުޅުނު 15 މެޗުގައި 12 ލަނޑު ކާމިޔާބު ކޮށްފައިވާ ހެރީކޭން ވެގެންދާނީ މިފަހަރުވެސް އިނގިރޭސިންގެ ނަތީޖާތައް އެކުޅުންތެރިއެއްގެ މައްޗަށް އެންމެ ބޮޑަށް ބިނާވާނެ ކުޅުންތެރިޔާއަށެވެ. ލަނޑު ޖެހުމުގައި އޭނާގެ ތޫނިފިލި ކަމާއި އެހެން ކުޅުންތެރިންނަށް ލަނޑު ޖަހަން ތަނަވަސްކޮށްދޭ ފުރުސަތުތަކާއި ދަނޑު މަތީގައި އޭނާ ދައްކާ ލީޑަރޝިޕަކީ އިދިކޮޅު ޓީމުތަކުން އޭނާއާމެދު ސަމާލުނުވެ ނުދާނެ ކަންކަމެވެ.

ހެރީ ކޭންގެ އިތުރުން އެޓޭކިންގ މިޑްފީލްޑަރު ފިލް ފޯޑެން ، ވިންގަރ ބުކަޔޯ ސަކާ އަދި ޖަރުމަނުގެ ބްރޯޝިޔާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އުމުރުން އެންމެ 19 ވަނަ އަހަރުގެ މިޑްފީލްޑަރު ޖޫޑް ބެލިންގހަމް ވެގެންދާނީ އިނގިރޭސި ގައުމީ ޓީމުގައި މިފަހަރު މުހިއްމު ދައުރެއް އަދާކުރާނެ ކުޅުންތެރިންނަށެވެ.

ކޯޗް:

އިންގްލެންޑުގެ ކޯޗަކީ އެގައުމުގެ ރައްޔިތެއް ކަމުގައިވާ ގެރަތު ސައުތު ގޭޓެވެ. އުމުރުން މިހާރު 52 އަހަރުގެ ސައުތު ގޭޓް އިނގިރޭސި ގައުމީ ޓީމާ ހަވާލުވީ 2017 ވަނަ އަހަރުއެވެ. އިނގިރޭސި ގައުމީ ޓީމު ގޮވައިގެން އޭނާ ކުރިމަތި ބޮޑު ފުރަތަމަ މުބާރާތަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެމުބާރާތުގެ ފައިނަލަށް އިންގްލެންޑަށް ނުދެވުނީ ސެމީފައިނަލުގައި ކްރޭޝިޔާ އަތުން ބަލިވުމުންނެވެ. އެކަމަކު 2021 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ސައުތުގޭޓުގެ އިރުޝާދުގެ ދަށުން އިނގިރޭސިން ޖާގަ ހޯދިއެވެ. އެކަމަކު އަމިއްލަ ގައުމުގައި ކުޅުނު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ބަލިވީއެވެ.

ސައުތު ގޭޓަކީ ކުޅުންތެރިއެއްގެ ގޮތުގައިވެސް ތަޖުރިބާ ބޮޑު ފަރާތެކެވެ. ޑިފެންޑަަރަކަށް އަދި ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅުނު ސައުތުގޭޓް ވަނީ އިނގިރޭސި ގައުމީ ޓީމާއެކު 1996 ގެ ޔޫރޯ އާއ 1998 ގެ ވޯލްޑް ކަޕާއި ޔޫރޯ 2000 ގައި އިނގިރޭސި ގައުމީ ޓީމަށް ކުޅެފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި އިނގިރޭސި ގައުމީ ޓީމާއެކު ގިނަ މެޗުތަކެއް އޭނާ ކުޅެފައިވާތީ އޭގެ ފައިދާ އިނގިރޭސި ގައުމީ ޓީމަށް ކުރެއެވެ.