ކެޕްޓަން ލިއޮނަލް މެސީ އާއި މުހިއްމު މިޑްފީލްޑަރު އެންހެން ޑިމަރިއާ މިއަދުގެ މެންދުރުގެ ވަގުތެއްގައި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގޮސް، ވޯލްޑް ކަޕުގައި ވާދަކުރާ އާޖެންޓީނާ ޓީމާ ގުޅިއްޖެއެވެ.

މިފަހަރު ވޯލްޑް ކަޕް ބާއްވާ ގަތަރާ އިންވެގެން އޮންނަ ޔޫއޭއީއަށް މެސީ ދިޔައީ ފްރާންސް ލީގުގައި ރޭ ޕީއެސްޖީ އާއި އަޒައްރޭ ބައްދަލު ކުރި މެޗުގެ 73 މިނެޓް ކުޅުމަށްފަހުއެވެ. މިމެޗް 5-0 އިން ކާމިޔާބު ކުރީ ޕީއެސްޖީއެވެ. އަނިޔާގެ ދުވަސް ކޮޅެއް ހޭދަކުރުމަށްފަހު މިހާރު ފިޓްވެފައިވާ ޑިމަރިއާ ރޭ ވަނީ ލާޒިއޯ އަތުން 3-0 އިން ޔުވެންޓަސް މޮޅުވި މެޗުގައި ފަހު 25 މިނެޓް ކުޅެފައެވެ.

އާޖެންޓީނާއިން ޝެޑިއުލް ކޮށްފައި ވަނީ މާދަމާ ޕްރެކްޓިސްތައް ފެށުމަށްފަހު މިމަހުގެ 16 ވަނަ ދުވަހު ޔޫއޭއީއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށެވެ.

ވޯލްޑް ކަޕުގައި އާޖެންޓީނާ އޮތީ ގްރޫޕް ސީ ގައެވެ. މިގްރޫޕުގައި ދެން ހިމެނެނީ މެކްސިކޯ އާއި ޕޮލެންޑް އަދި ސައުދީ އަރަބިއްޔާއެވެ.

އާޖެންޓީނާ މިފަހަރުގެ ވޯލްޑް ކަޕުގައި ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 22 ވަނަ ދުވަހު، ރާއްޖޭ ގަޑިން މެންދުރުފަހު 15:00 ގައި ބައްދަލު ކުރާނީ ސައުދީ އަރަބިއްޔާއާއެވެ. ދެވަނަ މެޗުގައި މިމަހުގެ 27 ވަނަ ދުވަހު، ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު ނިކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި ޕޮލެންޑާ ދެކޮޅަށް އާޖެންޓީނާ ނިކުންނާނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ، ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.