ގަތަރުގައި މިމަހުގެ 20 ވަނަ ވަނަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފެށެން އެންމެ 6 ދުވަހަށް ވެފައިވާއިރު މުބާރާތަށް އެންމެ ފުރިހަަމައަށް ތައްޔާރުވުމަށް އެގައުމުން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ވޯލްޑް ކަޕަށް ގަތަރުން ވަމުންދާ އެންމެފަހުގެ ތައްޔާރީތަކުން މީޑިޔާގެ ސަމާލުކަން މިހާރު އެންމެ ބޮޑަށް ހުއްޓިފައިވަނީ، ގަތަރުގެ ހުރިހާ ސަރައްދުތަކެއްގައި ކަހަލަ ގޮތަކަށް ކީރިތި މާތް ރަސޫލާ މުހައްމަދު صلى الله عليه وسلم ގެ ހަދީޘްފުޅުތައް ފެންނަ ހިތްގައިމު ބޯޑުތައް ބަހައްޓަމުންދާ މަސައްކަތަށެވެ.

ކީރިތި މާތް ރަސޫލާ މުހައްމަދު صلى الله عليه وسلم ގެ ހަދީޘްފުޅުތަކާއި އޭގެ އިނގިރޭސި މާނަ ފެންނަ ގޮތަކަށް ހަދާފައިވާ މިބޯޑްތަކުގެ ބޭނުމަކީ އިސްލާމް ދީނާއި އިސްލާމް ދީނުގެ އަސްލުތަކާއިމެދު ވޯލްޑް ކަޕް ބެލުމަށް ގަތަރަށް އަންނަ މެހްމާނުންގެ ހިތުގައި ލޯބި ޖެއްސުމެވެ.

ގަތަރު ވޯލްޑް ކަޕަކީ އަރަބި އިސްލާމީ ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. ގަތަރުގެ ވޯލްޑް ކަޕް އޮގްނައިޒިން ކޮމެޓީއިން ކުރިންވެސް ބުނެފައި ވަނީ މިފަހަރުގެ ވޯލްޑް ކަޕުގައި އިސްލާމީ އަރަބި ސަގާފަތްތަކާއި އާދަކާދަތައް ދުނިޔެއަށް ދައްކާލަންް މަސައްކަތް ކުރާނެ ކަމަށާއި އިސްލާމް ދީނާއި ހިލާފް އަމަލުތަކާއި އާދަކާދަތައް ހުއްޓުވާނެ ކަމަށެވެ.

ހުޅަނގުގެ ގައުމުތަކުން ގަތަރުގެ ވޯލްޑް ކަޕާއި ނުރުހިގެން އުޅޭ މައިގަނޑު ސަބަބަކީވެސް ގަތަރުން އިސްލާމީ ޝިއާރު މަތިވެރި ކުރުމަށް ކަނޑައަޅާފައިވާ ވަރުގަދަ އުސޫލުތަކާއި އަޒުމުގެ ސަބަބުންނެވެ. ގަތަރުން ބުނެފައި ވަނީ އެއްޖިއްސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ދިދަ އާއި އެނޫންވެސް އެކަމާ ގުޅުންހުރި އާލާތެއް ދަނޑަށްވެސް އަދި މަގުމަތީގައިވެސް ގެންގުޅުމަކީ އެގައުމުގެ ގާނޫނީ ކުށެއް ކަމަށާއި އެފަދަ އަމަލެއް ހިންގައިފި މީހަކު އަތުން ވަގުތުން އެއެއްޗެއް އަތުލާނެ ކަމަށެވެ.

މީގެ އިތުރުން އާންމު ތަންތަނުގައި ބަނގުރާ ވިއްކުމާއި ބުއިމާއި ބަދްއަހްލާގީ އަމަލުތަކަށް މަގުފަހިވާ ޒާތުގެ ވިޔަފާރިތައް ކުރުމަކީ ގަތަރުގެ ގާނޫނުން މަނާ ކަމަކެވެ. މިފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށް ގަތަރުން ވަނީ ބުނެފައެވެ.