މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތިޒާމް އުރީދޫ މޯލްޑިވްސް އާއި އެފްއެސްއެމް ގުޅިގެން އިއްޔެ ހަމަޖައްސައިފިއެވެ.

އުރީދޫން މި ޑިޖިޓަލް ޕޭމަންޓް ގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ އިތުބާރު ހިފޭ، ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށް އެކުންފުނީމް ބުންޏެވެ. ޕެޓްރޯލް ޕަމްޕްތަކުގައި ބަހައްޓާފައިވާ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން ފަސޭހަކަމާއެކު ފައިސާ ދެއްކާލެވޭނޭ ކަަމަށް ވެސް އެކުންފުނީން ބުނެފައިވެއެވެ.

މި ޚިދުމަތް ތައާރަފްކޮށްދެއްވީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އާއި އުރީދޫ މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ މިއަދު ކާނިވާ ކުރިމަތީގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

"އެފްއެސްއެމްއާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންޓެކްޓްލެސް، އަވަސް އަދި ރައްކާތެރިކަމާއެކު އެފްއެސްއެމްއަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއަދު އަޅުގަނޑުމެން މިއުޅެނީ އާއްމު ދިރިއުޅުމުގެ ގިނަ ކަންކަން ފަސޭހަކަމާއެކު ސްމާޓްފޯން މެދުވެރިކޮށް ކުރިއަށް ގެންދެވޭ ޒަމާނެއްގަ. އުރީދޫ އެމް-ފައިސާ ޑިޖިޓަލް ވޮލެޓުން ކަސްޓަމަރުންގެ މި ޑިޖިޓަލް ދިރިއުޅުން އިތުރަށް ފަހި ވެގެންދޭ. އެފް.އެސް.އެމް.އާ އެކު މި ވެވުނު ޕަރޓްނަރޝިޕަކީ ރައްޔިތުން އިތުރަށް ބާރުވެރިކުރުވައި، ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ރާއްޖޭގައި އިތުރަށް ކުރިއެރުވުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް. މިފަދަ ޙިދުމަތްތަކާއެކު ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދިވެ، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމީ ޔަގީން ކަމެއް. އަޅުގަނޑުމެންގެ މުޖުތަމައުތަކަށް މިފަދަ އީޖާދީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އުރީދޫ ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ "ކުންފުނީގެ ވިސްނުމަކީ އެފްއެސްއެމް ފިއުލް ޝެޑުތަކުން ކަސްޓަމަރުންނަށް އީޖާދީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން. އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާގެ ހިދުމަތް މިއަދު ތައާރަފްކުރުމުން އެމް-ފައިސާގެ ހިދުމަތް ހޯދާ އަދި އެފްއެސްއެމް ފިއުލް ޝެޑްތައް ބޭނުންކުރާ ގިނަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. މިއަދު މާލެ އާއި ހުޅުމާލޭގައި ތައާރަފްކުރެވުނު މި ހިދުމަތް އުރީދޫ މޯލްޑިވްސްއާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ގދ.ތިނަދޫ، ގދ.ފުވައްމުލައް އަދި ސ.ގަމުގައި ބަހައްޓާފައިވާ ފިއުލް ޝެޑްތަކުގައި މި ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ." ކަމަށެވެ.

އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނޭ ކަމަށް ވެސް އުރީދޫން ވަަނީ ވިދާޅުވެފައެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަރު މާޗަންޓުންނަށް ފައިސާ ދައްކާ ޚާއްސަ އޮފާތައް ވެސް ލިބިގެންދާނެ ކަމަށް ވެސް އުރީދޫން ބުނެފައިވެއެވެ.