އުރީދޫ މޯލްޑިވްސްއިން، އެމްއެންޑީއެފަށް ޓީވީތަކެއް ހަދިޔާ ކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ޓީވީތައް ހަވާލު ކުރުމުގެ ރަސްމިއްޔާތު މިއަދުވަނީ ބަންޑާރަކޮށީގައި، ބާއްވާފައި ކަމަށެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ޓީވީތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ، ޚާލިދް އަލް ހަމަދީއެވެ. ޓީވީތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެ ވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ޓީވީތަކަކީ، ކުރިއައެށްއޮތް ވޯލްޑްކަޕްއާ ދިމާކޮށް ސިފައިންގެ މަރުކަޒުތަކުގެ ތެރޭގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމްތައް ފަހިކޮށްދެއްވުމުގެ ގޮތުންނާއި، ސިފައިން ކުރާ މަސައްކަތްތަކަށް އެހީތެރިވެދެއްވުމުގެ ގޮތުން އެ ކުންފުނިން ހަދިޔާކުރެއްވި ޓީވީތަކެކެވެ. އެމްއެންޑީއެފަށް ޓީވީ ހޯދުމަށް މިނިސްޓަރ އޮފް ޑިފެންސް ވަނީ، ގިނަ ފަރާތްތަކަކާ އެކު މަޝްވަރާކުރައްވާފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިގޮތުން، އެކަމަނާ އެދިވަޑައިގެންނެވި އެދިލެއްވުމަށް އެންމެ ފުރަތަމަ އިޖާބަ ދެއްވި ކުންފުންޏަކީ އުރީދޫ މޯލްޑިވްސް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ކުންފުނިން ވަނީ އެމްއެންޑީއެފަށް 5 ޓީވީ މިއަދު ހަދިޔާ ކޮށްފައެވެ.

މި ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ ވަނީ އުރީދޫ މޯލްޑިވްސްއިން ދިވެހި ސިފައިންނަށް އެކި ދާއިރާތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

އެ ކުންފުނިން ވަނީ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އިޖުތިމާޢީ ޒިންމާގެ ދަށުން ދިވެހި ސިފައިންނަށް ވެސް އެކި ދާއިރާތަކުން ބޮޑެތި އެހީތައް ފޯރުކޮށްދީފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެގޮތުން، އެ ކުންފުނިން ދެމުންދާ އެކިއެކި ޚިދުމަތްތައް ފަސޭހަކަމާއެކު ސިފައިންނަށް ލިބޭނޭގޮތް ހައްދަވައިދެއްވުމުގެ އިތުރުން، އެމްއެންޑީއެފްއާއެކު އަބަދުވެސް ބަދަހި ގުޅުމެއް ބާއްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ޑިފެންސް މިނިސްޓަރ ވަނީ، އޫރިދޫން ރާއްޖޭގެ ކަންކަމާ ހަވާލުވެ ހުންނަވާ ފަތިމާ ސުލްތާން އަލް ޚަވައިރީއަށާއި އޫރިދޫގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ، ޚާލިދް އަލް ހަމަދީ އަށާއި، އޫރިދޫގެ ރާއްޖޭގައި މަސައްކަތްކުރައްވާ މުޅި ޓީމަށް ޝުކުރު އަދާކުރައްވާފައެވެ.