ފުލުހުންނާއި ސިފައިން ގުޅިގެން މިމަހު 11 ވަނަދުވަހުން ފެށިގެން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރު ކުރި 14 މީހުންނަކީ ވެސް އައްޑޫސިޓީ މީހުންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އޭގެ ތެރެއިން 9 މީހުންނަކީ މީގެ ކުރީން މިފަދަ ކުށުގެ ރެކޯޑުއޮތް މީހުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން މާލެއިން ހައްޔަރު ކޮށްފައިވަނީ ދެ މީހެކެވެ. ކ. ގުރައިދޫން ވެސް ހައްޔަރުކޮށްފައިވަނީ 2 މީހެކެވެ. އައްޑޫ ސިޓީން ވަނީ 10 މީހުން ހައްޔަރު ކޮށްފައެވެ. އަދި ސިޓީގެ 11 ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭގެ އިތުރުން މާލެއިން 4 ގެއެއް ބަލައި ފާސްކުރި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ހައްޔަރުކުރި އެންމެންނަކީ ވެސް 18 އަހަރުން މަތީގެ މީހުންނެވެ. އެންމެންގެ ބަންދުގެ މުއްދަތުވެސް މިހާރުވަނީ އިތުރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަހްމަދު ވިދާޅުވީ ހައްޔަރުކުރި މީހުން އައީ ގޮވާއެއްޗެއް ބޭނުންކޮށްގެން ގިނަ ބައެއްގެ ފުރާނަ ދުއްވާލަން ކަމަށެވެ. އެހެނަސް އެމީހުން އެކަންކުރަން އުޅުނީ ކޮންތާކު ކަމާއި އަމާޒުފަތްގަނޑަކީ ކޮބައިކަމެއް އުސްވަތު ވިދާޅެއް ނުވެއެވެ. އެ މީހުންގެ ރޭވުން ކާމިޔާބުވިނަމަ އެތައް ބައެއްގެ ފުރާނަ ދިޔައީސް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އައިއެސްއާ ގުޅިގެން ދޭން އުޅުނު ޓެރަރިސްޓު ހަމަލާއެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ކަމުގައި ބޭރުބައެއްގެ އެއްވެސް އަތެއް އޮތްތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.