ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާގީ މިންގަނޑުގައި ހިފަހައްޓައި ޚަބަރާއި މަޢުލޫމާތުގެ ޞައްހަކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހަނދާންކޮށްދެއްވައިފިއެވެ.

އެމްއެމްސީން ވިދާޅުވެފައިވަނީ އިސްލާމްދީނާއި، މުޖުތަމައުގެ އާންމު އަޚުލާގީ މިންގަނޑާ ޚިލާފު މައުލޫމާތާއި ޚަބަރު ނުފެތުރުމަށާއި ސައްހަ މަސްދަރުތަކުން ހޯދާ މައުލޫމާތާއި ޚަބަރު ނޫނީ ނުފެތުރުމަށެވެ.

އެމްއެމްސީން މިއަދު އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ގާނޫނުއަސާސީން ލިބިދީފައިވާ ކަމަށެވެ. އެހެނަސް އެ މިނިވަންކަމުގެ ހައްގަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއެކު ބޭނުން ކުރަންޖެހޭނެ ޙައްގެއް ކަމުގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެމްއެމްސީގެ ބަޔާ ނުގައި ވިދާޅުވެފައިވެއެވެ. "އެހެންކަމުން، ނޫސްވެރިންނާއި މީޑިއާތަކުން އެ ޙައްގު ބޭނުންކުރުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނާއި ގަވާއިދަށާއި އަދި ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާގީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް، އެންމެހައި ނޫސްވެރިންނާއި މީޑިއާތަކަށް ހަނދާންކޮށްދެމެވެ."

ޚާއްސަ ގޮތެއްގައި، އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްގަކަށް އުނިކަމެއް އަތުވެދާނެފަދަ މައުލޫމާތަކަށްވާ ނަމަ، އެ މައުލޫމާތެއްގެ ސައްޙަކަން ކަށަވަރު ކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ އެމްއެމްސީގެ ގާނޫނާއި ދިވެހި މީޑިއާގެ އާންމު ހަމަތަކާ ވެސް ޚިލާފުކަމެއް ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޚަބަރު ފެތުރުމުގައި އެ ކަމެއްގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ބަސް ހިމަނައިގެން ނޫނީ ޚަބަރާއި މައުލޫމާތު ޝާއިޢު ނުކުރުމަށް އެކައުންސިލުން ވަނީ ހަނދާން ކޮށްދެއްވައިފައެވެ.