ބޯނަހުގެ ގޮތުގައި ވޯލްޑް ކަޕުން ލިބޭ ފައިސާ ހަދިޔާ ކުރާނީ، ސިއެރެލިއޯނުގައި ސާޖަރީ ހަދަން ޖެހިފައި ތިބި ފަގީރު ކުޑަ ކުދިންނަށް ކަމުގައި ޖަރުމަނު ގައުމީ ޓީމަށް ކުޅެމުން އަންނަ އިތުބާރު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ބުނެފިއެވެ.

ބޯނަހުގެ ގޮތުގައި ލިބޭނެ ކަމަށް މިހާރުވެސް ރުޑިގާ އަންދާޒާ ކުރާ ފައިސާގެ އަދަދަށް ބަލައިގެން 11 ކުއްޖެއްގެ ސާޖަރީއަށް މިހާރުވެސް ވަނީ ފަންޑް ކޮށްދީ، ސާޖަރީ ހެދޭނެ ގޮތް އެކުދިންނަށް ފަހި ކޮށްދީފައެވެ. ބޯނަހުގެ ގޮތުގައި ވޯލްޑް ކަޕުން ލިބޭނެ ކަމަށް ރުޑިގާ އަންދާޒާ ކުރާ ފައިސާގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

ސިއެރެލިއޯނަކީ ރުޑިގާ މަންމަގެ ގައުމެވެ. އެގައުމުގައި ފަގީރު ހާލުގައި ދިރިއުޅޭ ކުޑަކުދިންގެ ހާލަތު ރަނގަޅު ކުރުމަށް ރުޑިގާ ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރުޑިގާ ބުނެފައިވަނީ މިހާރަށްވުރެވެސް ބޮޑަށް ސިއެރެލިއޯނުގައި އެހީގެ ހަރަކާތްތައް ކުރިއަށްގެންދަން ބޭނުންވާކަމަށާއި ވޯލްޑް ކަޕަށްފަހު އޭނާގެ އާއިލާގެ އެހީތެރިކަމާއެކު އެމަސައްކަތް ފެށޭނެކަމަށް އުއްމީދު ކުރާކަމަށް ބުނެފައެވެ.

ރުޑިގާ ވަނީ އޭނާ އިނގިރޭސިވިލާތުގެ ޗެލްސީއަށް ކުޅުނު ދުވަސްވަރު އެގައުމުގައި އަދި ޖަރުމަނުގައިވެސް މާލީ ތަނަވަސްކަން ނެތް ކުޑަކުދިންނަށް އަމާޒުކޮށް ދީލަތި އެހީގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.

ރުޑިގާ،29، އަކީ މުސްލިމް ކުޅުންތެރިއެއްކަން ފާހަގަ ކޮށްލެވެއެވެ.