ގޭންގުތަކާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވުމުން ގޭންގުތައް ބޮޑުވެ ގޭންގަށް ނިސްބަތްވާ ބައެއް މީހުންގެ ގައިގައި ގާނޫނު ވެސް ނުހިފޭ ހިސާބަށް މިހާރުވަނީ ކަންކަން ގޮސްފައި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ ގޭންގުތަކާ ދެކޮޅަށް ފިޔަވަޅު ނޭޅުމުގެ ސަބަބުން ގޭންގުތަކުގެ ތެރެއިން ބައެއް މީހުންވަނީ އަތްނުފޯރާ ހިސާބަށް މުއްސަނދި ވެފައި ކަމަށެވެ. އެގޮތުން ޔޮޓްތަކާއި ފިހާރަތަކައި ތަފާތު ވިޔަފާރިތައް ފަށައި ބައެއް މީހުންވަނީ މުއްސަނދި މީހުންނަށް ވެފައި ކަމަށް ސީޕީ ވިދާޅުވިއެވެ. އެފަދަ މީހުންގެ އަތުގައި ގާނުނޫވެސް ނުހިފޭ ހިސާބަށް އެމީހުންގެ ކަންކަން ކުރިއަރާފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ ގޭންގުތައް މައިތިރި ކުރުމަށް ޚާއްސަ ފޯހެއް އެކުލަވާލައި އެ މީހުންނަށް އެކަށީގެންވާ ހަތިޔާރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މީހުން މެރުމާއި މީހުންނަށް ތޫނުއެއްޗެހި ހަމަލާ ދެމުންދާ މިފަދަ ދުވަސްވަރެއްގައި އެމީހުންނާ ކުރިމަތިލެވޭ ވަރުގެ ހަތިޔާރެއް ފުލުހުންގެ އަތުގައި ހުންނަންޖެހޭ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.