ޕެންޝަން އޮފީހުން އިންތިޒާމް ކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް މިއަދު ހެނދުނު ކުރުނބާ ރިސޯޓުގައި ފަށައިފިއެވެ.

މި ފޯރަމް ފަށްޓަވައި ދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމެވެ. މިއީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި ކުރެވެންހުރި ކަންތައްތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ފޯރަމެކެވެ. މިފަހަރުގެ މައުޟޫއަކީ "ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުން" އެވެ.

ފޯރަމްގައި ބައިވެރިވަނީ ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކާއި ވިޔަފާރިތަކާއި، އިގްތިސާދު، ސިޔާސީ، ޢިލްމީ، އިޖްތިމާޢީ ދާއިރާގެ އިސް ބޭފުޅުންނެވެ.

މި ފޯރަމްގައި ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ މިހާރު އެކުލެވިފައިވާގޮތާއި، ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ހިންގަމުންދާ އަދި ކުރިއަށްއޮތްތަނުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާ ބެހޭގޮތުން މައުލޫމާތު ބަދަލުކުރާނެއެވެ. އަދި ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށް ރައްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރަށް ގެންނަން ޖެހޭ ތަރައްޤީއާއި ކުރިއެރުންތަކާ މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލީ ދާއިރާގެ އެކިފަރާތްތަކާ ގުޅިގެން ކުރިޔަށްގެންދާ މި އިވެންޓްގެ މެއިން ސްޕޮންސަރަކީ ބެންކް އޮފް މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރުންނަކީ މޯލްޑިވްސް އިސްލާމިކް ބެންކާއި، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ. މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ އެވެ. ޓެލެކޮމް ޕާޓްނަރަކީ އޫރިދޫ މޯލްޑިވްސް އެވެ. އޮންލައިން ނިއުސް ޕާރޓްނަރަކީ "އަދަދު" އެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހައުސިންގ ޑިވެލޮޕްމަންޓް ޕަރޭޝަން އަދި މޮރިޝަސް ކޮމާޝަލް ބެންކެވެ.