ޕްރެކްޓިހުގައި ފޯވާޑް ކްރިސްޓޮފާ އެންކުންކުއަށް އަނިޔާވެ ވޯލްޑް ކަޕް ސްކޮޑުން ބާކީ ކުރަން ޖެހުމުން އޭނާގެ ބަދަލުގައި، ޖަރުމަނުގެ ފްރޭންކްފާޓަށް ކުޅެމުން އަންނަ ފޯވާޑް ރޮނާލްޑް ކޯލޯ މުއާނިއަށް ފްރާންސް ގައުމީ ޓީމުން ފުރުސަތު މިއަދު ފުރުސަތު ދީފިއެވެ.

މިސީޒަނުގައި ވަރަށް ރަނގަޅު ފޯމެއްގައި ހުރި އެންކުންކު ،25، އަށް އަނިޔާވީ ފްރާންސުން ރޭ ބޭއްވި ފަރިތަކުރުންތަކުގައި އުޅެނިކޮށް އަނިޔާވީ އޭނާގެ ވާތު ކަކުލަށެވެ. އެންކުންކުއަކީ މިސީޒަނުގައި ބުންޑަސްލީގާގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ލީގުގައި ކުޅުނު 15 މެޗުގައި 12 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންކުންކުގެ ބަދަލުގައި ނެގި މުއާނި ،23، ވަނީ މިސީޒަނުގައި ފްރެންކްފާޓަށް ކުޅެދިން 23 މެޗުގައި 8 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މުއާނިގެ ކުޅުން އެންމެ ބޮޑަށް ފާހަގަ ކުރެވިގެންދިޔައި މިފަހަރުގެ ޗެމްޕިއަންސް ލީގުގައެވެ. ގްރޫޕް ސްޓޭޖުގައި މާސޭ އަތުންނާއި ސްޕޯޓިން އަތުން ފްރޭންކްފާޓް އަތުން ފްރެންކްފާޓް މޮޅުވެ ދެވަނަ ބުރުން ޖާގަ ހޯދީ މުނާއީގެ ލަނޑުތަކުންނެވެ.

އެންކުންކު ޕްރެކްޓިހުގައި ލިބުނު އަނިޔާއާ ގުޅިގެން ދަނޑުން ފައިބައިގެން ދަނީ.

އަނިޔާގެ ސަަބުން، ތަޖުރިބާކާރު ދެމިޑްފީލްޑަރުން ކަމުގައިވާ އެންގްލޯ ކަންޓޭ އާއި ޕައުލް ޕޮގްބާވެސް މިފަހަރު ފްރާންސް ޓީމުން ނުފެންނާނެއެވެ. މިދެކުޅުންތެރިންނަކީ 2018 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ދެކުޅުންތެރިންނެވެ.

މިއީ ކުރިއަށް އޮތް ވޯލްޑް ކަޕަށް ތައްޔާރު ވަމުން އަންނަ ގައުމަކުން، ކުޅުންތެރިޔަކު ޕްރެކްޓިހުގައި އިންޖަރީވެ ޓީމުން ބާކީކޮށް އެހެން ކުޅުންތެރިޔަކަށް ފުރުސަތު ދޭން ޖެހުނު ފުރަތަމަ ފަހަރެވެ.