ނޮވެމްބަރު 9 ވަނަ ދުވަހު ބްރެޒިލުން ރާއްޖެ އައި އަންހެން ފަތުރުވެރިއެއްގެ އަތުން ގާތްގަނޑަކަށް ފަނަރަ މިލިއަން ރުފިޔާ (މަގުމަތީގެ އަގު) ގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ އެއީ 4.46 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ. އެ ހިފައިގެން ރާއްޖެއަށް އައި ފަތުރުވެރިއަކީ އުމުރުން 29 އަހަރުގެ މީހެކެވެ. މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ ލަގެޖުންނެވެ. ލަގެޖު އިތުރަށް ބަަލައި ފާސްކުރަން ޖެހުނީ އޭނާގެ ހަރަކާތްތައް ހުރި ގޮތުން ޝައްކުކުރެވިގެން ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކަސްޓަމް ސާވިސް އިން ވިދާޅުވީ މިއިީ މިއަހަރު ކޮކެއިން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރަނިކޮށް އަތުލައިގަތް 10ވަނަ ފަހަރެވެ. މި އަހަރުގެ މިހާތަނަށް ޖުމްލަ 17 ކިލޯގެ ކޮކެއިން އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

ބްރެޒިލް މިހާއަތުން ފެނުނު މަސްތުވާތަކެއްޗާއި އެމީހާ މިހާރުވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. ފުލުހުން ވިދާޅުވީ އެމައްސަލަ ބަލަމުންދާ ކަމަށެވެ.