ފީފާ ވޯލްޑް ކަޕް 2022 ފެށެން އެންމެ ތިން ދުވަހަށްވީއެވެ. މުބާރަތް ބެލުމަށް ގަތަރަށް ދުނިޔޭގެ އެތަން މިތަނުން ސަޕޯޓަރުން ޖަމާވެ މުބާރާތުގެ ފޯރި ނެގުން މިހާރު މިވަނީ ފެށިފައެވެ. މުބާރާތް ބަލަން ގަތަރަށް ނުދެވުނުނަމަވެސް، ސަޕޯޓް ކުރާ ގައުމު އެކަށީގެންވާ ރަނގަޅު ހިސާބަކަށް ދިޔުމަކީ ކޮންމެ ސަޕޯޓަރެއްގެ އުއްމީދަކަށް ވާނެއެވެ. ވަކިން ހާއްސަކޮށް ފުޓްބޯޅައިގައި ގައުމުތަކުގެ ފެންވަރުގެ ތަފާތު މިހާ ކުޑަވެފައިވާ ޒަމާނެއްގައި އެންމެ ކުޑަމިނުން ދެވަނަ ބުރުން ކޮންމެ ގައުމަކަށްވެސް ޖާގަ ހޯދިދާނެކަމަށް ގިނަ ސަޕޯޓަރުން މިހާރު ގަބޫލް ކުރެއެވެ.
ތަޖުރިބާކާރުންގެ ނަޒަރުގައި މިފަހަރު ދެވަނަ ބުރުން ޖާގަ ހޯދުމަށް، އެންމެ ހަމަހަމަ ފުރުސަތެއް އޮތް އެއްގްރޫޕަކީ ގްރޫޕް "އޭ" އެވެ. މިގްރޫޕުގައި އޮތީ މުބާރާތް ބާއްވާ ގައުމު އަދި އޭޝިޔާގެ ޗެމްޕިއަން ގަތަރާއި ޔޫރަޕުގެ ގަދަ ބާރެއް ކަމުގައިވާ ނެދަލޭންޑްސް އާއި އެފްރިކާގެ ޗެމްޕިއަން ސެނެގާލް އާއި އިކްއެޑޯރެވެ.
ނެދަލޭންޑްސް:
ނެދަލޭންޑްސްއަކީ ފުޓްބޯޅައިގެ މުއްސަނދި ތާރިހެއް އޮތް ފުޓްބޯޅައިގެ ހުނަރުވެރި އެތައް ތަރިންނެއް އުފައްދާފައިވާ މަޝްހޫރު "ޓޯޓަލް ފުޓްބޯޅަ" އެންމެ ޗާލުކޮށް ކުޅުނު ގައުމެވެ. މަޝްހޫރު ޔޯހަން ކްރައިފާއި ވެންބާސްޓަން އާއި ޕެޓްރިކް ކްލައިވެޓާއި އެޑްގާ ޑާވިޑްސް އާއި ޑެނިސް ބާކެމްޕާއި އާރެން ރޮބެން އާއި ރޮބިން ވެންޕާސީއަކީ ނެދަލޭންޑްސް ފުޓްބޯޅައިގެ އަލިގަދަ ތަރިންނެވެ.
މޮޅެތި އެތައް ކުޅުންތެރިންނާއެކުވެސް ނެދަލޭންޑްސް އަތުގައި ނުހިފި ނަސީބަކީ ވޯލްޑް ކަޕް ތައްޓެވެ.
އެންމެފަހުން ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕަށް ނެދަލޭންޑްސް ކޮލިފައިއެއް ނުވެއެވެ. މިކަމުން އަރައިގަތުމަށް ނެދަލޭންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން
ކޯޗަކަށް ހަމަޖެއްސީ ތަޖުރިބާކާރު ކޯޗް ލުއީ ވެންހާލްއެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔޫރަޕް ޒޯނުގެ "ގްރޫޕް ޖީ" ގެ އެއްވަނަ ހޯދައި ނެދަލޭންޑްސް ވޯލްޑް ކަޕުން ޖާގަ ހޯދީ ފެންވަރު ހުރިކަން ސާބިތު ކޮށްދެމުންނެވެ.
ނެދަލޭންޑްސް ޓީމުގައި ނަގާ ކިޔަން ތިބީ ކެޕްޓަން އަދި އިތުބާރު ޑިފެންޑަރު ވާޖިލް ވެންޑައިކާއި ފޯވާޑް އެމްފިސް ޑިޕާއީ އާއި މިޑްފީލްޑަރު ފްރޭންކީ ޑިޔޯން އާއި ޑުމްފްރައިސް އާއި ޑިފެންސިވް މިޑްފީލްޑަރުގެ ރޯލަށާއި ވާތު ބެކަށް ކުޅޭ ޑަލޭ ބްލައިންޑެވެ.
ތަޖުރިބާކާރުންގެ ނަޒަރުގައި ކުޅުންތެރިންގެ ފެންވަރާއި ތަޖުރިބާއަށް ބަލާއިރު މިގްރޫޕުގައި ނެދަލޭންޑްސްއާ ވަރުން އެޅިގެންވާ ގައުމެއްވެސް ނެތެވެ.
ނެދަލޭންޑްސްގެ އަމާޒަކީ އެންމެ ދަށްވެގެން މިފަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާފައިނަލުން ޖާގަ ހޯދުމެވެ.
އިކްއެޑޯރ:
ފީފާ ރޭންކިންގެ 44 ވަނައިގައި އޮތް އިކްއެޑޯރަކީ ދެކުނު އެމެރިކާ ޒޯނުގެ ހަތަރު ވަނަ ހޯދައިގެން ވޯލްޑް ކަޕުން ޖާގަ ހޯދި ގައުމެކެވެ. ވަރުގަދަ ފިޒިކަލް ފުޓްބޯޅައެއް ކުޅޭ އިކްއެޑޯ ކޮލިފައިންގައި ވަރުގަދަ ބްރެޒިލް އާއި އާޖެންޓީނާ އަތުން އަމިއްލަ ދަނޑުގައި ބަލިވެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. އާޖެންޓީނާއަށް ނިސްބަތްވާ ކޯޗިންގ ސްޓާފުންގެ ޓީމެއް އޮތް އިކްއެޑޯއިން އެންމެފަހުން ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު އެގައުމަށް މިފަހަރު ދެވަނަ ބުރަށް ދިޔުމުގައި ދިމާވާނެ އެންމެ ބޮޑު މައްސަލައަކަށްވާނީ ލަނޑު ޖެހުމުގެ މައްސަލައެވެ. މޮޅަށް ޑިފެންސް ކުރިނަމަވެސް ލަނޑު ޖެހުމުގައި އިކްއެޑޯގެ ތޫނުފިލިކަން ވަރުގަދަ ކޮށްގެންނޫނީ މިގްރޫޕުން ދެވަނަ ބުރަށް އިކްއެޑޯއަށް ދެވިދާނެކަމަށް ގަބޫލެއް ނުކުރެވެއެވެ.
އިކްއެޑޯއިން އެންމެފަހުން ކުޅުނު 6 މެޗުގައި ކާމިޔާބު ކުރެވިފައި ވަނީ އެންމެ 2 ލަނޑެވެ. މިދެލަނޑު ކާމިޔާބު ކޮށްފައި ވަނީ ނައިޖީރިއާ ކޮޅަށާއި ކަބޯ ވާޑް ކޮޅަށެވެ. މިގްރޫޕުގައި ގަތަރު އޮތުމާއެކު އިކްއެޑޯއިން ވަނީ ގަތަރާ ދެކޮޅަށް ކުޅުމަށް ތައްޔާރުވުމަށް އޭޝިޔާގެ ވަރުގަދަ ގައުމުތައް ކަމުގައިވާ ސައުދީ އަރަބިއްޔާ، ޖަޕާން އަދި އިރާގާ ދެކޮޅަށް މިދިޔަ ތިންމަސް ތެރޭގައި އެކުވެރިކަމުގެ މެޗު ކުޅެފައެވެ. މިތިން މެޗުވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންކަން ފާހަގަ ކޮށްލެވެއެވެ. ފާހަގަ ކޮށްލެވޭ ކަމަކީ ގަތަރުން އޭޝިޔަން ކަޕް ކާމިޔާބު ކުރީ ފައިނަލުގައި ޖަޕާން ބަލި ކުރުމަށްފަހު ކަމުގައި ވުމެވެ.
އިކްއެޑޯ ޓީމުގައި ނަގާ ކިޔަން ތިބީ ބްރައިޓަން އަލްބިއަންގެ މޮއިސަން އިއްސާކާ (މޮއިސަސް ކައިސާޑޯ) އާއި ރެއާލް ވަލަޑޮލިޑުގެ ވިންގަރ އެންޓޯނިއޯ ވެލެންސިޔާ އާއި ގޮންޒާލޯ ޕަލާޓާއެވެ. އަނިޔާގެ ސަބަބުން، މުހިއްމު ޑިފެންޑަރު ބައިރޮން ކަސްޓިއްލޯ ސްކޮޑުން ވަކިކުރަން ޖެހުމަކީ އިކްޑޯއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވެގެންދާނެއެވެ.
އިކްއެޑޯއިން މުބާރާތަށް ކަނޑައަޅާފައިވާ އަމާޒަކީ ކުއާޓާފައިނަލްއެވެ.
ސެނަގާލް:
ސެނަގާލްއޭ ބުނުމުން ހަނދާން އާވެގެން ދާނީ 2002 ގެ ވޯލްޑް ކަޕެވެ. ފުރަތަމަ މެޗުގައި، އެންމެފަހުގެ ޗެމްޕިއަން އަދި ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް މަޝްހޫރު ފްރާންސް 1-0 އިން ބަލިކޮށް ސެނަގާލުން ފުޓްބޯޅައިގެ ދުނިޔެ އޭރު ސިއްސުވާލިއެވެ. އެކަމަކު އޭގެފަހުން ޖެހިގެން އައި ތިން ވޯލްޑް ކަޕަށްވެސް އެގައުމު ކޮލިފައިއެއް ނުވެއެވެ.
ވޯލްޑް ކަޕުން ސެނަގާލް ދެން ފެނުނީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕުންނެވެ. ހުރިހާ ގޮތަކުން ޖަޕާނާއި އެއްވަރުވެ، ގްރޫޕް ސްޓޭޖުން ސެނެގާލް ކެޓީ ޖަޕާނަށްވުރެ އިތުރަށް ދައްކާފައިވާ ކާޑެއްގެ ސަބަބުން ހިތްދަތި ގޮތަކަށެވެ.
2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެފްރިކާގެ އެއްވެސް ގައުމަކަށް ދެވަނަ ބުރަށް ދެވިފައި ނުވާތީ މިފަހަރުވެސް އެފްރިކާގެ ގައުމުތަކާމެދު ތަޖުރިބާކާރުން ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ. އެފްރިކާއަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން ދެވަނަ ބުރުން ޖާގައެއް ހޯދިދާނެ ކަމަށް ގިނަބަޔަކު އުއްމީދު ކުރާ ގައުމަކީ ސެނަގާލްއެވެ. އެކަމަކު ކެޕްޓަން އަދި މުހިއްމު ފޯވާޑް ސަޑިއޯ މާނޭގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މިއުއްމީދަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ކިލަނބުކަމެއް ވެރިވެފައެވެ.
ސެނަގާލްގެ ޓީމުގެ ކޯޗަކީ 2002 ގެ ވޯލްޑް ކަޕް ކެޕްޓަން އަދި އެންމެފަހުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އެގައުމަށް ކާމިޔާބު ކޮށްދިން ކުރީގެ ޑިފެންސިވް މިޑްފީލްޑަރު އަލިއޫ ސިސޭއެވެ. ވޯލްޑް ކަޕަށް ތައްޔާރު ވުމަށް ސެނަގާލުން ކުޅުނީ ދެމެޗެވެ. ފުރަތަމަ މެޗުގައި ބޮލީވިޔާ އަތުން 2-0 އިން މޮޅުވީއެވެ. ދެވަނަ މެޗުގައި އިިރާނާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވީއެވެ.
ސެނަގާލް ޓީމުގައި ނަގާ ކިޔަން ހުރި އެންމެ ވަރުގަދަ ލީޑަރަކީ މަޝްހޫރު މާނޭއެވެ. އޭނާގެ ފަހަތުން ތިބީ ޑިފެންޑަރު ކިލިބަލޭ އާއި މިޑްފީލްޑަރު ގުއޭ އާއި ފޯވާޑް އިސްމާއިލީ ސަރް އާއި ބޯލަޔޭ ޑިއާއެވެ.
ވޯލްޑް ކަޕުގައި ސެނަގާލްގެ އަމާޒަކީ ދެވަނަ ބުރެވެ.
ގަތަރު:
ކުޑަ ކުޑަ ގަތަރަކީ އެންމެން ސިއްސުވާލުމަށްފަހު އެންމެފަހުގެ އޭޝިޔަން ކަޕް ކާމިޔާބު ކުރި ގައުމެވެ. ވަރުގަދަ އެމެރިކާ ފަހަތަށް ޖައްސާލައި 2022 ވަނަ އަހަރު ވޯލްޑް ކަޕް ބިޑް ގަތަރުން ކާމިޔާބު ކުރުމުން މިމުބާރާތަށް އެގައުމުން ދޭނެ ސަމާލުކަން ވަރަށް ބޮޑަށް ހާމަ ވެގެންދެއެވެ.
ތަޖުރިބާކާރުންގެ ނަޒަރުގައި މިގްރޫޕުގެ ސަޕްރައިޒް ޓީމަކަށް ގަތަރު ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަމިއްލަ ގައުމުގައި ސަޕޯޓަރުން ކުރިމަތީގައި މުބާރާތް ކުޅެން ޖެހުމަކީ ގަތަރު ކުޅުންތެރިންނަށް ލިބިގެންދާނެ ބޮޑު ހިތްވަރަކަށް ވާނެއެވެ. އަމިއްލަ ގައުމުގައި ވޯލްޑް ކަޕް ބާއްވައި ދެވަނަ ބުރުން ޖާގަ ނުހޯދުނު ހަމައެކަނި ގައުމަކީ ދެކުނު އެފްރިކާއެވެ. މިލިސްޓަށް ނުވަދެ ސަލާމަތްވުމަކީ ގަތަރުން ބޭނުންވާ އެއްލަނޑުދަނޑިއެވެ.
މިއީ ގަތަރުން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރިހުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ގަތަރު ގޮވައިގެން ވޯލްޑް ކަޕަށް ނިކުންނާނީ ސްޕެއިންގެ ފެލިކްސް ސަންޗޭޒްއެވެ. ޔޫރަޕުގައި އޭނާގެ ތަޖުރިބާއަކީ ބާސެލޯނާގެ ޔޫތު އެކަޑަމީގައި މަސައްކަތް ކުރުމެވެ. ފެލިކްސްގެ ނަޒަރުގައި މިގްރޫޕުގެ ފެވަރީޓަކީ ނެދަލޭންޑްސްއެވެ. ނެދަލޭންޑްސްގެ ފަހަތުން ދެވަނަ ހޯދައި ދެވަނަ ހޯދަން ގަތަރާއި ސެނަގާލާއި އިކްއެޑޯރަށް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށް އޭނާ ގަބޫލް ކުރެއެވެ.
ގަތަރު ޓީމުގެ ބަލިފަޔަކީ ޑިފެންސް ލައިނެވެ. ލަނޑު ޖަހާނެ ކަމަށް، ފޯވާޑް ލައިނުގައި ތިބި އަހްމަދު އަލާއުލްދީނާއި އަކްރަމް އަފީފަށް އޮތް އިތުބާރު ބޮޑެވެ. އެކަމަކު މެދުތެރެއިން ޓީމު ލައްވައި ކުޅުވަން ހުރި އުމުރުން އެންމެ 21 އަހަރުގެ މުސްތަފާ ތާރިގް މިޝާލްގެ ތަޖުރިބާ މަދުވުމަކީ ކުރިމަތިވާނެ ގޮންޖެހުމެކެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމަށް އެންމެފަހުން ގަތަރު ކުޅުނު 3 މެޗަށް ބަލާއިރު ކްރޭޝިޔާ އަތުން 3-0 އިން އަދި ކެނެޑާ އަތުން 2-0 އިން ބަލިވީއެވެ. އެކަމަކު ދެކުނު އެމެރިކާގެ މަޝްހޫރު ޗިލީއާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރު ކުރިއެވެ.
ގަތަރުގެ އަމާޒަކީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރުމެވެ. އެއަށްވުރެ ދުރަށް ދެވިއްޖެނަމަ އެކަންވާނީ ބޯނަހަކަށެވެ.