ސަރުކާރުން 206.87 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ފ. މަގޫދޫގައި ހިންގުމަށް ހަމަޖެހިފައިވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

އެމްޓީސީސީން ވިދާޅުވީ މި މަސައްކަތް ފަށައިފައިވަނީ ބޮޑު ޖައްރާފާ ވެސް އެރަށަަށް ގެންގޮސްގެން ކަމަށެވެ. އެރަށުގައި އެންމެ ފަހުން ކުރިއަށްދިޔަ ބަންޑް ވޯލް ހެދުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، ރަށުގެ ތަރައްޤީއާއި އެހެނިހެން ބޭނުންތަކަށް ޚާއްސަ ކޮށްގެން 17 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އޭގެ އިތުރުން އެއަރޕޯޓެއް ތަރައްގީ ކުރުމަށް 30.8 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 3,339 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރުން ވެސް މި މަޝްރޫއުގައި ހިމެނިފައިވެއެވެ.