ފުލުހުގެ އެންމެ ފުރަތަމަ އަންހެން މާލިމީ، ސީނިއަރ ސަރޖަންޓް ސަންފާ އިބްރާހީމް، މާސިންގާ ކަނޑުތަކަށް ނުކުމެ ފުލުހުންގެ ތާރީޚުގައި އައު ސަފުހާއެއް ލިޔެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ 89 އަހަރުވީ ދިގުމާޒީގައި ފުރަތަމަ އަންހެން މާލިމީ ނުވަތަ ކައްޕިތާނެއްގެ ގޮތުގައި ކަނޑުތަކަށް ނުކުތް ސަންފަ އަކީ ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ހީވާގި ބޭފުޅެކެވެ. އިންޖީނުލީ ކަނޑުގެ އުޅަނދު ފަހަރު ދުއްވުމުގެ ލައިންސަންސް ނެގުމަށްފަހު އޭނާ އެވަނީ ފުލުހުންގެ ތާރީޚުގައިި އެ ނަން ރަންއަކުރުން ފަވާލައިފައެވެ.
ސަންފާ ފުލުހުންގެ ޚިދުމަތާ ގުޅުނީ 2006 ވަނަ އަހަރުގެ އޮކްޓޯބަރ މަހުުގެ 10 ވަނަ ދުވަހު އެވެ. މިއަދު އޭނާއަކީ ފުލުހުންގެ ތެރޭގައި ހިމެނޭ ފިރިހެން މާލިިމންނަށް ދޫދޭނޭ ބޭފުޅެއް ނޫނެެވެ. އެކަމަށްޓަކައި އެ މުއައްސަސާ މިއަދު ފަޚުރުވެރިއެވެ.
"ސަންފާ އިބްރާހިމް ދީދީ ފުލުހުންގެ ޚިދުމަތުގައި އެންމެ ފުރަތަމަ މަސައްކަތްކުރީ ދޫނިދޫ ކަސްޓޯޑިއަލުގައެވެ. ފުލުހުންގެ ޚިދުމަތުގައި ފާއިތުވި 16 އަހަރުގެ ތެރޭގައި އޭނާ ވަނީ އެކި ޑިޕާޓްމެންޓްތަކުގައި މަސައްކަތްކޮށް އެކިދާއިރާއިން ތަޖުރިބާ ހޯދާފައެވެ. މާލޭ ކަސްޓޯޑިއަލް، ޕޮލިސް މެޑިކަލްގެ އިތުރުން ގަލޮޅު ޕޮލިހާއި މާފަންނު ޕޮލިހުގައިވެސް ސަންފަ ވަނީ މަސައްކަތް ކޮށްފައެވެ. ފުލުހުންނަށް ބޭނުންވާ އެކި ތަމްރީނުތަކުގައި ބައިވެރިވި ސަންފަ ވަނީ އެކި ކޯސްތައް ފުރިހަމަކޮށްފައެވެ. ޚިދުމަތުގެ އިތުރުން ކުޅިވަރުގައިވެސް ސަންފައަކީ ދޫކުރާ ނަމެއް ނޫނެވެ. ފުޓުބޯޅަ، ހޭންޑްބޯޅަ މި ނޫންވެސް އެތައް މުބާރާތެއްގައި ސަންފަ ވަނީ ފުލުހުން ތަމްސީލުކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ."
މި ހުރިހާ ކަމެއްގެ ތެރެއިން ވެސް އޭނާ މަދުންނޫނީ އަންހެނުން ނުކުރާ ކަމެއް ޚިޔާރުކުރީ ކީއްވެ ހެއްޔެވެ؟ އޭނާ ވިދާޅުވެފައިވަނީ އެއީ ކުރިން ވެސް ކުރަން ބޭނުންވި ތަޖުރިބާއެއް ކަމަށެވެ. މި މަސައްކަތަށް އޭނާ ކުރިމަތިލީ ހިތްވަރާ އެކުގައެވެ. ކަނޑުތަކުން ނަގާ ރާޅުތައް ހިތަަށް ސިފަކޮށް ބިރުވެރި ވަހުމްތައް އޭނާގެ ތަނަވަސް ވިސްނުމާ ކުޅެން އޭނާ ޖާގައެއް ނުދިނެވެ. ކަނޑުތަކަށް ނުކުތުމަށް ކުރަންޖެހުނު ކޮންމެ ކެމެއް އޭނާކުރިއެވެ. ހުރިހާ ތަމްރީނެއް ހެދިއެވެ. އެއްވެސް ޖެހިލުމެއްނެތިއެވެ.
ޕޮލިސް ވެބްސައިޓަށް އޭނާދީފައިވާ އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ބޭސިކް ނުވަތަ އަސާސީ ސީމެންޝިޕް ކޯސް ފުރިހަމަކުރުމަށް މާލެ އައުމާއި ކޯސް ފުރިހަމަކޮށް ނިންމުމާ ހަމައަށްވެސް ހިތުގައި އޮތް އަޒުމަށް އެއްވެސް ގުޑުމެއް ނާރާކަމަށެވެ. އޭގެ ސިއްރަކީ އިސްވެރިން ދެއްވި ހިތްވަރާއި ކުރި އިތުބާރު ކަމަށް ވިދާޅުވެފައިވެއެވެ.
"މެރިން ޕޮލިހާއި ޔޫ.އެން.އޯ.ޑީ.ސީ އަދި ޖަޕާން ސަރުކާރު ގުޅިގެން ފުލުހުންނަށް ކުރިއަށްގެންދާ ބޭސިކް ސީމެންޝިޕް ކޯހަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އަމަލީ ހަރަކާތްތަކާއި މައުލޫމާތު ދިނުމުގެ ކްލާސްތަކާއެކު ކުރިއަށް ގެންދާ ކޯހެކެވެ. އެގޮތުން ''މެރިޓައިމް ނެވިގޭޝަން، ބޯޓު ހޭންޑްލިންގ، ސަވައިވަލް އެންޑް ރެސްކިއު'' މައުލޫގެ ދަށުން މައުލޫމާތު ދިނުމާއެކު އަމަލީ ހަރަކާތްތައް ކަނޑުމަތީގައި ކުރިއަށް ގެންދެއެވެ. ސީނިއަރ ސަރޖަންޓް ސަންފާ އިބްރާހިމް ދީދީ ވަނީ އެ ކޯސް ފަހުރުވެރިކަމާއެކު ފުރިހަމަކޮށްފައެވެ."
ނިއަމި ކަމުގެ ކޯސް ހަދަމުން ދިޔަ ދުވަސްވަރު ކަނޑަށް ނުކުތް ފުރަތަމަ ދުވަސްތައް ދުވަހަކުވެސް އޭނާގެެ ހިތުން ނުފިލާނެއެވެ. އެ ހަނދާންތައް އަބަދުވެސް ހިތުގައި ހުންނާނެއެވެ. އެދުވަސްތަކުގައި އޭނާގެ ހިތްތެޅުނެވެ. ބާރަށްތެޅުނެވެ. ލޯންޗުގެ ހުންގާނުގައި ހިފައި ފުރަތަމަ ދަތުރަށް ފެށި ވަގުތަކީ އޭނާއަށް ވެސް ނޭނގޭ ކަހަލަ އިހުސާސްތަކެއް ކުރަން ޖެހުނު ވަގުތެކެވެ. އެވަގުތު ރަނގަޅަށް ހުންގާނުގައި ނުހިފުނު ކަމަށާއި ސްޕީޑް ނުހިފެހެއްޓި ދިޔަ ހަނދާންތައް އަދިވެސ އޭނާގެ ހިތުގައި ބިންވަޅު ނަގާފައިވެއެވެ. "ކަނޑުމަތީގެ ހާދިސާތަކުގައި ލޯންޗު، ދޯނި ބަނޑުން ޖަހާލާފައިވާ ހާދިސާތައް ހިތުގައި އިތުރުވެ ބިރުވެރިކަމާއި ނުތަނަވަސްކަން އުފައްދަމުން ދިޔައެވެ. އެހެންނަމަވެސް އެ ހިޔާލުތަކާ ދުރަށް ސަންފަ ގެންދިޔައީ އޭނާގެ ވަރުގަދަ އަޒުމެވެ. އަންހެނަކަށް ވީތީ ވަކިކަމެއް ނުވާނެ ނުވަތަ ނުކުރެވޭނެކަމަށް ބުނާ ޒަމާންވީ ވާހަކަތައްވީ އޭނާއަށް ލިބުނު ހިތްވަރަކާއި ފޯރިއަކަށެވެ." އެކަން މިއަދު ސަންފަ ސާބިތުކޮށްދިނީވެސް އެވާހަކަތައް ލިޔާ ހިތްވާބަޔަކު ލިޔާ ހިތްވާ ގޮތަށެވެ.
ކައްޕީތާނެއްގެ ލައިންސަންސާއި އެކަމުގެ މެޑެލް ޖަހައިގެން އޭނާގެ ޒިންމާގެ ދަށުން އެތައް ބަޔަކު ގޮވައިގެން ކަނޑުމައްޗަށް ނުކުތް ދުވަހަކީ އާދައިގެ ދުވަހަކަށް ނުވާނެއެވެ. އެއީ އޭނާގެ ހާސްކުރުވި ދުވަހެކެވެ. ދަތުރު ނިންމާލީ ހާސްކަމުގެ ބަދަލުގައި އުފާވެރި އިހުސާސްތަކާއެކުގައެވެ. އިތުބާރާއި އުންމީދުތަކާ އެކުގައެވެ.
''އެ ދުވަހު ލޯންޗު ޖެޓީއާ ގާތްކުރެވުނީ ވަރަށް އުނދަގުލުން. އެހެންވެ ވަރަށް ހާސްވި. އަދި ލޯންޗުގައި ތިބި މީހުން އެކަމާ ހިތަށް އަރާފާނެ އެއްޗަކާމެދު ވިސްނުނު. އެހެންނަމަވެސް ދަތުރު ނިމި ލޯންޗުން ފައިބައިގެން ދަމުން ކޮންމެ މީހަކުވެސް ވަރަށް ރަނގަޅޭ ބުނީމައި ހިތަށްއެރި ލޯންޗު މި ދުއްވުނީ ގޯސްކޮށްނޫންކަން،'' ޕޮލިސް ވެބްސައިޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ. ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބުނު ފުރަތަމަ އަންހެން ފުލުހަށް އޭނާ ވެގެންދިއުމަކީ ފުލުހުންގެ ޚިދުމަތުގައި މިހާތަނަށް އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.
ސަންފަ އުންމީދު ކުރަނީ އޭނާއަށްފަހު ވެސް އިތުރުން އަންހެނުން މިދާއިރާއިން ފެނުމަށެވެ. ސަންފައަށް ސާބަސް ހުއްޓެވެ. ކަނޑުތަކުގައި ނަގާ ބިޔަރާޅުތަކުގެ ތެރެއިން ވެސް ތިޔަ ދެއްވާ ޚިދުމަތަށް ޝުކުރު ހުއްޓެވެ. ދިވެހި އުންމަތުގެ އަންހެނުން ފުލުހުންގެ ހިތްވަރަށް ފަޚުރުވެރިވެރިވަމެވެ.