ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 261 ކުދިން ހިމެނޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެ 4 އަހަރު ދުވަހުގެ ތެރޭގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ ކުދީންގެ އިތުރުން 416 އަންހެނުން ވެސް ހިމެނޭ ކަމަށެވެ. ފާއިތުވި 4 އަހަރުތެރޭގައި 6165 މައްސަލައެއްގައި ޖުމްލަ 11،955 މީހުން ހައްޔަރު ކޮށްފައިވެއެވެ. އޭގެތެރޭގައި ގިނައީ ދިވެހީންނެވެ. ދިވެހީންގެ އަދަދު ދިހަހާސް ހަތަރު ސަތޭކައަށްވުރެ ގިނައެވެ. ބިދޭސީންގެ އަދަދު 780 އަށްވުރެ ގިނައެވެ. މި މީހުން ހައްރުކޮށްފައިވަނީ ފުލުހުން ހިންގި 562 އޮޕަރޭޝަނެއްގައެވެ.

މާލެއާއި އަތޮޅުތެރެ ހިމެނޭހެން ކުރިއަށް ގެންގޮސްފައިވާ އެ އޮޕަރޭޝަންތަކުގައި، ފަޅުރަށްރަށާއި މީހުން ދިރިއުޅޭ ރަށްރަށް އަދި ގޭބިސީތަކާއި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން އެހެނިހެން ތަންތަނާއި މީހުން ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން، އެ ބަލައިފާސްކުރުމުގެ ތެރެއިން 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އޭގެތެރޭގައި، ކެނަބިސް، ކޮކެއިން، ހެރޮއިން އަދި މަސްތުވާތަކެތީގެ އެހެނިހެން ބާވަތްތައް ހިމެނެއެވެ.

މަސްތުވާތަކެތީގެ 6165 މައްސަލައިގެ ތެރެއިން ފުލުހުންގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް 2681 މައްސަލަ ފާއިތުވި 4 އަހަރުތެރޭގައިި ފޮނުވާފައިވެއެވެ. އެއީ 2019 ވަނަ އަހަރު 886 މައްސަލައަކާއި 2020 ވަނަ އަހަރު 739 މައްސަލައެއްގެ އިތުރުން 2021 ވަނަ އަހަރުގެ 598 މައްސަލައަކާ އަދި މި އަހަރުގެ 458 މައްސަލަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފާއިތުވި ހަތަރު އަހަރު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ މަސްތުވާތަކެއްޗާއި ބަނގުރާ ނައްތާލުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން 39،679 އެއްޗެއްގައި ހުރި ބަނގުރާ ނައްތާލާފައިވެއެވެ. އޭގެ ތެރޭގައި ބަނގުރާ ދަޅާއި ފުޅިއާއި ބަނގުރާ އަޅާފައިހުރި ހަމާއި ޓައްޕުގެ އިތުރުން އެހެނިހެން ތަކެތި ހިމެނެއެވެ.

ފުލުހުން ވިދާޅުވީ ފާއިތުވި ހަތަރު އަހަރާއި އޭގެ ކުރިން އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މި އަހަރުގެ މިހާތަނަށް 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށެވެ.